ފިތުރު އީދު ނަމާދު ވަގުތު މާލޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނާތީ އެ ބަދަލުތައް ދިވެހި ފުލުހުންގެ ހިދުމަތުން އާންމު ކޮށްފި އެވެ.
މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ މާފަންނު ސްޓޭޑިއަމްގެ އިތުރުން ކިންގް ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުގައެވެ.
މި ތިން ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް ބައެއް މަގުތައް ވަގުތީ ގޮތުން ބަންދު ކުރާނެ އެވެ. އެގޮތުން މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ބޮޑު ޖަމާއަތަށް ހާއްސަކޮށް އަމީނީ މަގުން ބައެއް އަދި ހިލާލީ މަގުން ބައެއް ބަންދު ކުރާނެ އެވެ. އަދި އުޖާލާ ހިނގުމުން ބަޔަކާއި ހަބީރީ ހިނގުމުން ބައެއްވެސް ބަންދު ކުރާނެ އެވެ.
މީގެ އިތުރުން މާފަތްތަކުރުފާނު މަގާއި ކުރެދި ގޯޅިން ބައެއްވެސް ބަންދު ކުރުމަށް ހަމަޖެހިފައިވެއެވެ. ފުލުހުން އާންމުކޮށްފައިވާ ޗާޓްގައި ވަނީ ބޮޑު ޖަމާޢަތަށް އަންނަ މީހުންނަށް ވެހިކަލް ޕާކުކުރެވޭނެ ސަރަހައްދުތަކާއި އަންހެނުންނާއި ފިރިހެނުން ވަނުމަށް ހާއްސަ ގޭޓްތައްވެސް ފާހަގަކޮށްފައެވެ.
ސަލްމާން މިސްކިތް ހުންނަ ސަރަހައްދުގެ ބައެއް މަގުތައްވެސް އީދު ނަމާދު ވަގުތަށް ބަންދު ކުރާނެ އެވެ.
އަދި އެ ސަރަހައްދުގައި ހަތަރު ފޮރޮޅުލީ ވެހިކަލް ޕާކު ކުރުމަށް ހާއްސަ ސަރަހައްދެއްވެސް ވަނީ ކަނޑައަޅާފައެވެ. ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުން ބޮޑުތަކުރުފާނު މަގުން ބައެއް އީދު ނަމާދަށް ބަންދު ކުރާނެ އެވެ.
މީގެ އިތުރުން އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުން ބަންދު ކުރެވޭ މަގުތަކާއި ގޯޅިތަކުގައި ހުރި ވެހިކަލްތައް ނަގަން ފުލުހުން ވަނީ އެދިފައެވެ. އަދި ޖަމާއަތަށް އަންނަ މީހުންނަށް ވެހިކަލް ޕާކު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
އެ ސަރަހައްދުވެސް ބޮޑުތަކުރުފާނު މަގުން ބައެއް ބަންދު ކުރަން ވަނީ ނިންމާފައެވެ.