މޯލްޑިވްސް ޕޮލިސް ސާވިސް

އީދު ބަންދާ ދިމާކޮށް ފުލުހުން ކަނޑު އުޅަނދުތައް ބަލައި ފާސްކުރަނީ

އީދު ބަންދާ ދިމާކޮށް މާލެއިން އަތޮޅުތަކަށް ފުރާ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.

ފުލުހުން މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މިއަދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އަށެވެ.

މި އޮޕަރޭޝަނުގައި، މާލެ އޭރިއާގެ ބަނދަރުތަކުން ލަފާފުރާ އުޅަނދުފަހަރާއި ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލައި ފާސްކޮށް އަދި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ.

މީގެއިތުރުން އަތޮޅުތަކުން ލަފާފުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މައުލޫމާތު ދިނުމާއި ބަލައިފާސްކުރުމުގެ ކަންކަން އަތޮޅުތަކު ޕޮލިސް ސްޓޭޝަންތަކާ ގުޅިގެންވެސް ފުލުހުން ކުރިއަށް އެބަގެންދެ އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ އެންމެންނަށްވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި އަޟްހާ އީދާ ގުޅިގެން ދަތުރުކުރާ މީހުން ގިނަވާނެތީ އެ ދަތުރުތަކަކީ އަމާން ރައްކާތެރި ދަތުރުތަކަކަށް ހެދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.