ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިގޮތް ބެލުމުގެ ހަރަކާތެއް މެރިން ޕޮލިސް އިން އިއްޔެ ފަށައިފި އެވެ.
މި މަހުގެ 26ން ފެށިގެން މެއި ދެ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ހަރަކާތަކީ ފިތުރު އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު އަތޮޅުތެރެއަށް ކަނޑުމަގުން ދަތުރު ކުރާއިރު ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތް ގޮތް ބެލުމުގެ ގޮތުން މެރިން ޕޮލިސްގެ މެރިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓާއި މެރިން އެންފޯސްމަންޓް އެންޑް އޮޕަރޭޝަންސް ޑިޕާޓްމަންޓުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ.
މި ހަރަކާތުގެ ތެރެއިން ފެރީގެ ގޮތުގައި ރަށްރަށަށް ދަތުރުކުރާ އުޅަނދުތަކާއި ނޯތު ހާބަރާއި ޓީ-ޖެޓީ ސަރަހައްދު ފަޅުގައި އަޅާފައިވާ އޮޑިފަހަރަށް ޒިޔާރަތްކޮށް އެ އުޅަނދުތަކުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމައަށް ހުރިތޯ ބަލައި ޗެކް ކުރާނެ އެވެ. އަދި ދަތުރު ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމާއި އުޅަނދުތަކުގެ މައުލޫމާތު އެއްކުރާނެ އެވެ.