މާލޭގެ އެންމެ ހިތްގައިމު އެއް ސަރަހައްދުގެ ގޮތުގައި އޮތް ޖުމްހޫރީ މައިދާން ސަރަހައްދު އަލުން ފެހިކޮށް ރީތިކޮށްލައިފި އެވެ.
ޖުމްހޫރީ މައިދާނަކީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާޔަށް ފަހު، 1989 ވަނަ އަހަރު ހުޅުވި ގައުމީ ވަންތަކަމާއި ދިވެހި އަބްތާލުންގެ ގުރުބާނީ ރަމްޒުކޮށްދޭ މައިދާނެކެވެ.
ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން ޖުމްހޫރީ މައިދާން ރީތިކޮށް ބަލަހައްޓައެވެ. ނަމަވެސް ބައެއް ދުވަސްވަރު އެ ސަރަހައްދަށް މާބޮޑު އަޅާލުމެއް ނުދެވި އޮވެއެވެ. އަދި ބައެއް ޖަލްސާތަކާއި އިވެންޓްތައް ބާއްވާތީ ވިނަ ގަނޑު ހަލާކުވެ މަރުވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީން ވަނީ ޖުމްހޫރީ މައިދާން ސަރަހައްދަށް ބޮޑު ބަދަލެއް ގެނެސްފައެވެ. މުޅި ސަރަހައްދު ވަރަށް ބޮޑަށް ރީތިކޮށް ޒީނަތްތެރި ކޮށްލިއެވެ. އެގޮތުން މިޔުޒިކަލް ފައުންޓެއިން އަކާއި އާންމުން ހިނގާބިގާވެ އުޅުމަށް ހާއްސަ މަގުތަކަކާ އެކު މެދުގައި ތަރީގެ ބައްޓަމެއް ހެދިއެވެ. މަތީން ފެންނަ އިރު ވަރަށް ރީއްޗެވެ.
ނަމަވެސް ރައީސް ޔާމީންގެ ސަރުކާރު ބަދަލުވެ މިވޭތިވެދިޔަ ދުވަސްތަކުގައި އެ ސަރަހައްދުގެ ރީތިކަން ގެއްލުނެވެ. އެއީ ސިޓީ ކައުންސިލުން އެކަށީގެންވާ ސަމާލު ކަމެއް ނުދިނުމުންނެވެ.
މިޔުޒިކަލް ފައުންޓެއިން ހަލާކުވެދިޔައެވެ. ވިނަގަނޑު މުޅީން މަރުވިއެވެ. މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން މާލޭގައި އެގޮތަށް ދޫކޮށްލެވިފައި ހުރި އަދި ކުރީ ސަރުކާރުން ތަރައްގީކޮށް ފެހިކުރި މައިދާންތަކާއި ބިނާތައް އާބާތުރަފިލުވުމުގެ މަސައްކަތް ފެއްޓެވިއެވެ.
މޭޔަރު މުއިއްޒު މިއަދު ވަނީ ޖުމްހޫރީ މައިދާން އަލުން ފެހިކޮށްލާފައިވާ ކަމަށް ވިދާޅުވެފައެވެ. ފެހިކޮށްލާފައިވާ ހިތްގައިމު މަންޒަރުގެ ބައެއް ފޮޓޯތައްވެސް ވަނީ އާންމުކޮށްފައެވެ.