މާލޭގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލަކީ މަޝްވަރާ ކުރަންޖެހޭ ބައިވެރިއެއްގެ ގޮތުގައި ސަރުކާރުން ނުދެކޭ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޭޔަރު މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ މާލެ އާއި ހުޅުމާލެއާ ދެމެދު ކުރިއަށް ގެންދާ ބަސް ދަތުރުތަކުގެ ހިދުމަތް އިތުރަށް ރަނގަޅުކުރުމަށް ކަމާ ގުޅޭ އިދާރާތަކުގެ ބޭފުޅުންނާ އެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންދިޔަ ކަމަށް ރައީސް އޮފީހުން ބުނުމާ ގުޅިގެންނެވެ.
ރައީސް އޮފީހުން މިއަދު ވަނީ މިބައްދަލުވުމުގައި ބައިވެރިވި ބޭފުޅުން އެނގޭ ގޮތަށް ބައްދަލުވުމުގެ ފޮޓޯތަކެއް އާންމުކޮށްފަ އެވެ. އެކަމަކު ބައްދަލުވުގެ ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.
މިބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ ނައިބް ރައީސް ފައިސަލް ނަސީމު އެވެ. ބައްދަލުވުމުގައި ބައިވެރިވި އިތުރު ބޭފުޅުންނަކީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުންގެ އިސް ބައެއް ބޭފުޅުންނެވެ.
މާލެ ސިޓީ ކައުންސިލްގެ މީޑިއާ ވަޓްސްއަޕް ގުރޫޕްގައި މިބައްދަލުވުމުގެ ދައުވަތު ލިބިވަޑައިގެންނެވިތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން މޭޔަރު މުއިއްޒު ވިދާޅުވީ ދައުވަތު ލިބިވަޑައިނުގަންނަވާ ކަމަށެވެ.
"އެނގިފައެއް ނެތް ތިކަހަލަ ބައްދަލުވުމެއް އޮތް ކަމެއް. [ނޫސްވެރިޔާ] ދެންމެ [ޓްވިޓާގެ] ތި ލިންކް ޝެއާ ކުރުމުން މި އެނގުނީ [ބައްދަލުވުމެއް އޮތްކަން[" މުއިއްޒު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ނައިބް ރައީސް ބޭއްވި ބައްދަލުވުމަށް ދައުވަތު ލިބިވަޑައިނުގަތީ މާލޭގެ ރައްޔިތުން ހޮވާފައި އޮތް ކައުންސިލަކީ "ސްޓޭކްހޯލްޑަރެއް" ކަމަށް މިސަރުކާރުން ނުދެކޭތީ ކަމަށް ފަހަރުގައި ވެދާނެ ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގައި މިހާރު ތިއްބެވި ކައުންސިލަރުން މަގާމާ ހަވާލުވިތާ އެއް އަހަރު ވާންދާއިރު އެންމެ ފަހަރަކުވެސް މާލޭގެ ޓްރެފިކާއި ޕާކިންއާ މަގުތަކާ ގުޅޭ އެއްވެސް ކަމެއްގައި ރައީސް އޮފީހުން ބައްދަލުވުމަކަށް ދައުވަތު ނުދެއްވާ ކަމުގައިވެސް މޭޔަރު ވިދާޅުވި އެވެ.
"ޑިމޮކްރަސީއަށް އިހްތިރާމް ކުރުމާ ލާމަރުކަޒީ ނިޒާމު ހުއްޓޭ ހިސާބަކީ ތިމާމެންގެ ޕާޓީ އަށް ވޯޓު ނުދޭ ހިސާބު ކަމަށް ވަނީ ކަމަށް ވެދާނެ،" ސަރުކާރަށް ފާޑު ވިދާޅުވަމުން މުއިއްޒު ވިދާޅުވި އެވެ.