މާދަމާއަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށް ކަނޑައަޅާ އެކަން އިއުލާނުކޮށްފި އެވެ.
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އިއްވެވި ހަނދާ ބެހޭ ބަޔާނުގައި ބުނެފައިވަނީ މިއަދުގެ އިރުއޮއްސޭއިރު ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1443 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތި ނުވާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާތީ އާއި މިއަދުގެ އިރުއޮއްސުމަށް ފަހުގައި ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް އަދި ދުނިޔޭގެ އެއްވެސް އިސްލާމީ ގައުމަކަށް މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުވެފައިވާ ކަމުގެ ރަސްމީ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
އެހެން ކަމުން ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރަން ދިވެހިރާއްޖޭގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައްޔާއި ހޯމަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅާ ކަމަށެވެ.
މިނިސްޓަރުގެ ބަޔާނުގައި އީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހިރައްޔިތުންނަށް ވަނީ ފޮނުއްވަވާފައެވެ.
ހޯމަ ދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅާފައިވާއިރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރިއަށް ގެންދަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެ މިނިސްޓްރީން ވަނީ މާފަންނު ސްޓޭޑިއަމްގަ ބޮޑު ޖަމާއަތުގައި ނަމާދު ކުރަން ނިންމާފައެވެ. އަދި އިސްލާމީ މަރުކަޒާއި ކިންގް ސަލްމާން މިސްކިތުގައިވެސް އީދުގެ ބޮޑު ޖަމާއަތް އޮންނާނެ އެވެ.
ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް ހުސް މައިދާނުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ކައުންސިލުތަކުން ނިންމާފައިވެއެވެ.