ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިމާމުވެ ކުރެއްވި ހުކުރުގެ ޖަމާއަތުގައި އަންހެން ކުއްޖަކު ބައިވެރިވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ޖެންޑާ މިނިސްޓްރީން ދޮގުކޮށްފި އެވެ.
އދ.ގެ މައި މަރުކަޒުގައި ކޮންމެ ހުކުރު ދުވަހަކު އިސްލާމީ ގައުމުތަކުގެ މަންދޫބުންނާއި، އދ. ގައި މަސައްކަތްކުރައްވާ މުސްލިމް މުވައްޒަފުން ޖަމާއަތުގައި ހުކުރު ނަމާދު ކުރެ އެވެ. އިއްޔެގެ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ މިނިސްޓަރު ޝާހިދެވެ.
އެ މަންޒަރު ދައުލަތުގެ މީޑިއާއިން ވަގުތުން ގެނެސްދިނެވެ. އަދި ހުކުރުގެ ޖަމާއަތުގެ ފޮޓޯތައް ފޮރިން މިނިސްޓްރީން އާންމުކުރި އެވެ.
އާންމު ކުރި ފޮޓޯތަކުގައި ޝާހިދުގެ ފަހަތުން ކުރީ ސަފުގައި ކުޑަ ކުއްޖަކު ފެނެއެވެ. އެއީ އިސްތަށިގަނޑު ދިގުކޮށްފައި ހުރި ކުއްޖެކެވެ.
ފޮޓޯގައި ފެންނަނީ އަންހެން ކުއްޖެއް ކަމަށް ބުނެ ހަގީގަތް ބެލުމެއް ނެތި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދިޔައީ އެކި ވާހަކަތައް ފަތުރަމުންނެވެ. އަދި ހުކުރުގެ ޖަމާއަތުގައި އަންހެނުން ބައިވެރިކުރަން ފެށީ ކޮން އިރަކުތޯ ސުވާލުކޮށްފައިވެއެވެ. -- ހުކުރު ވާޖިބު ވެގެން ވަނީ ފިރިހެނުންނަށެވެ. ހުކުރު ދުވަހު އަންހެނުންގެ މައްޗަށް އޮތީ މެންދުރު ނަމާދު ކުރުމެވެ. --
އެ ވާހަކަތައް ފެތުރެމުންދާތީ ޖެންޑާ މިނިސްޓްރީން ބުނީ އދ.ގެ މައި މަރުކަޒުގައި އިއްޔެ ކުރި ހުކުރު ނަމާދުގެ ފުރަތަމަ ސަފުގައި ހުރީ ފިރިހެން ކުއްޖެއް ކަމަށެވެ. އެއީ އދ އަށް ފޮނުވާފައިވާ ޑިޕްލޮމޭޓެއްގެ ބޭފުޅެއް ކަމަށްވެސް ބުންޏެވެ.
"ހަގީގަތް ބެލުމެއް ނެތި ކުޑަކުދިންނާ ގުޅުންހުރި މިފަދަ ކަންކަމުގައި އެކި މޭރުމުން ވާހަކަ ދެއްކުމަކީ ކުޑަކުދީންގެ ކަރާމާތަށް ގެއްލުންވާނެ ކަމެއް ކަމަށް ވާތީ މިފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރަމެވެ،"
އދ.ގެ މައި މަރުކަޒުގައި އިއްޔެ ކުރި ހުކުރު ނަމާދުގެ ފުރަތަމަ ސަފުގައި ހުރީ ތިލްމީޒާ ހުސައިންގެ ދަރިކަލެކެވެ.