މި އަހަރުގެ ފުރަތަމަ ތިން މަހު އެމްޓީސީސީއަށް ލިބުނު ސާފު ފައިދާ 27 ޕަސެންޓު އިތުރުވެއްޖެ އެވެ.
ސަރުކާރާއި އާއްމުންގެ ހިއްސާ އޮންނަ ސަރުކާރުގެ އެންމެ ބޮޑު ކޮންޓްރެކްޓަރު ކަމަށްވާ އެމްޓީސީސީގެ މިދިޔަ ފުރަތަަމަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓުގައި އާމްދަނީ އަށް ލިބުނީ 550 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނީ 423 މިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް 30 ޕަސެންޓުގެ އިތުރުވުމެކެވެ
މި ފުރަތަމަ ކުއާޓާގައި ޓެކްސް އުނިކުރުމުގެ ކުރިން ފައިދާއަކީ 75.3 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި މި އަދަދު އުޅުނީ 72.5 މިލިއަން ރުފިޔާގަ އެވެ.
ޓެކްސް އުނިކުރުމަށް ފަހު މި ކުއާޓާގައި 64 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ ކުރީކޮޅު ފައިދާ އުޅުނީ 61.6 މިލިއަން ރުފިޔާގަ އެވެ.
އެމްޓީސީސީގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި ކޮންޓްރެކްޓިން އާއި ޑްރެގިން މަަސައްކަތުގެ އާމްދަނީ 33.8 ޕަސެންޓް މައްޗަށް ދިޔަނަމަވެސް ދުނިޔޭގެ ބާޒާރުގައި ދިމާވި ލޮޖިސްޓިކް ދަތިތަކުގެ ސަބަބުން ބޮޑު ގެއްލުމަކާ ކުރިމަތިވި އެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހިންގާ އެއް ކުންފުންޏަކީ އެމްޓީސީސީ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ރެކޯޑް އާމްދަނީއެއް ލިބިފައިވެ އެވެ. އެ ކުންފުން މިދިޔަ އަހަރު ނިންމާލީ ސާފު ފައިދާއަށް 224.6 މިލިއަން ރުފިޔާ ހޯދުމަށްފަހު އެވެ. މިއީ 2020 ވަނަ އަހަރު ލިބުނު 190 މިލިއަން ރުފިޔާއާ އަޅާބަލާނަމަ 15 ޕަސެންޓުގެ އިތުރުވުމެކެވެ.