ބޮލީވުޑް

މަންމަގެ ޚިޔާލަށް ވުރެ މުހިއްމު އެއްޗެއް އާމިރަކަށް ނެތް

އާމިރު ޚާންގެ އާ ފިލްމު "ލާލް ސިންގް ޗައްޑާ" ރިލީޒްކުރުމުގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިޔަށް އެބަދެ އެވެ.

ކަރީނާ ކަޕޫރު ބަތަލާގެ ބައި ކުޅޭ މި ފިލްމަކީ ހޮލީވުޑް ފިލްމު "ފޮރެސްޓް ގަމްޕް" މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ފިލްމުގައި ސައުތު އިންޑިއާގެ އެކްޓަރު ނާގާ ޗޭތަންޔާ ވެސް މުހިއްމު ބައެއް އަދާ ކުރެ އެވެ.

އާމިރުގެ ފިލްމުތައް ކިތަންމެ މޮޅަސް އޭނާ އަކީ ފިލްމެއް ރިލީޒްވާން ކައިރިވާއިރަށް ވަރަށް ބޮޑަށް ސްޓްރެސްވާ މީހެއްކަން އޭނާ ދަންނަ ގިނަ ބަޔަކަށް އެނގެ އެވެ. މި ސްޓްރެސް އެންމެ ބޮޑަށް ފިލަނީ އޭނާ ބުނާ ގޮތުގައި މަންމައަށް ފިލްމުގައި ދައްކައި މަންމަގެ ޚިޔާލު ހޯދައިގެންނެވެ.

އެ ފިލްމާ މެދު މަންމަ ހިތްހަމަޖެހިއްޖެނަމަ އޭނާގެ ސްޓްރެސްގެ ބޮޑު ބައެއް ފިލާ ކަމަށް އާމިރު ބުންޏެވެ. ދެން އެ ފިލްމެއް ދައްކަނީ އޭނާގެ ދަރިންނަށެވެ.

ދާދިފަހުން އާމިރު ދީފައިވާ އިންޓަވިއު އެއްގައި ވަނީ ފިލްމު ބަލާފައި މަންމަ ދިން ޚިޔާލުތައް ކިޔައިދީފަ އެވެ. އޭނާ ބުނި ގޮތުގައި އޭނާއަށް އެންމެ މުހިއްމީ މަންމަ ޒީނަތު ހުސެއިންގެ ޚިޔާލެވެ.

ފިލްމުގެ ފުރަތަމަ ލަވަ ރިލީޒްކުރުމަށް ރޭޑިއޯ ޝޯއެއްގައި ބައިވެރިވެ ވާހަކަ ދައްކަމުން އާމިރު ބުނީ ކޮންމެ ފިލްމެއް ބަލާފައި ވެސް އޭނާގެ މަންމަ ދޭ އިރުޝާދުތައް އޭނާ ވަރަށް ސީރިއަސްކަމާއެކު ބަލައިގަންނަ ކަމަށެވެ.

"އެ ފިލްމެއްގައި މަންމައަށް ކަމުނުދާ މަންޒަރުތަކެއް ހުރިނަމަ ބުނާނެ އެ ބައިތައް ކަނޑާލާށޭ. ކީއްކުރަންހޭ އެ ކަހަލަ މަންޒަރުތައް އެ ލަނީ،" އާމިރު ކިޔައިދިނެވެ.

އާމިރު ބުނި ގޮތުގައި "ލާލް ސިންގް ޗައްޑާ" އޭނާގެ މަންމަ ބެލީ ޓެސްޓް ސްކްރީނިންގެ ތެރެއިން ކަމަށެވެ. އަދި ފިލްމުގެ އެންމެ ތަންކޮޅެއް ވެސް ކަނޑާނުލާ ރިލީޒްކުރަން މަންމަ އިރުޝާދު ދިން ކަމަށް އާމިރު ބުންޏެވެ.

"އަހަރެން އަބަދުވެސް މަންމަ އެކަމަކާ މެދު ދެކޭ ގޮތް އެންމެ ފުރަތަމަ ވެސް ހޯދަނީ. ކޮންމެ ކަމެއް ކުރިޔަސް މަންމަގެ ޚިޔާލު ހޯދައިގެން ކުރަނީ. ފިލްމެއް ކުޅުނަސް އެންމެ ފުރަތަމަ މަންމައަށް ފިލްމު ދައްކާފައި މަންމަ ބުނާ އެއްޗެއް އަހަންނަށް ވަރަށް މުހިއްމުވާނެ. އޭގެ ފަހުން ދަރިންގެ ޚިޔާލު ހޯދަނީ،" އާމިރު ބުންޏެވެ.

"ލާލް ސިންގް ޗައްޑާ" ބަލާފައި މަންމަ ބުނީ "ތީ ވަރަށް މޮޅު ފިލްމެކޭ. އެކަކު ދައްކާ އެއް ވާހަކައެއް ވެސް އަޑު ނާހާށޭ. އަވަހަށް ފިލްމު ރިލީޒްކުރާށޭ. އެންމެ ތަންކޮޅެއް ވެސް ކަނޑާނުލައްޗޭ" ކަމަށް އާމިރު ބުންޏެވެ.

އެހެންވެ މަންމަ މިގޮތަށް ޚިޔާލު ދިނުމުން ވަރަށް ހިތްހަމަޖެހިފައިވާ ކަމަށް އާމިރު ބުންޏެވެ.

"ލާލް ސިންގް ޗައްޑާ" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު އެވެ.