ބޮލީވުޑް

އަޔުޝްމާން ބުނަނީ މިއަހަރުވެސް މޮޅު ފިލްމުތަކެއް ހުރި ކަމަށް

އަޔުޝްމާން ކުރާނާގެ ފިލްމުތަކަކީ މާ ބޮޑު ބަޖެޓެއް އޮވެގެން ތައްޔާރުކުރާ ފިލްމުތަކެއް ނޫނެވެ. އަދި މާ ނަން މަޝްހޫރު ގިނަ އެކްޓަރުންނެއް ވެސް އޭނާގެ ފިލްމުތަކަކަށް ނުހިމެނޭނެ އެވެ. ނަމަވެސް އޭނާގެ ކޮންމެ ފިލްމަކީ ވެސް ބެލުންތެރިންގެ ހިތްތަކާ ކުޅެލާ އަސަރުގަދަ ރީތި ފިލްމު ތަކެކެވެ. މިހާތަނަށް ރިލީޒްކުރި އޭނާގެ ފިލްމުތަކަށް އެހާ ބޮޑު ކާމިޔާބެއް ލިބުމުގެ ސިއްރަކީ ފިލްމުގެ ސްކްރިޕްޓް މޮޅުވެފައި ޕާފޯމަންސްތަކުގެ ފުރިހަމަ ކަމުންނެވެ.

އަޔުޝްމާން ބުނި ގޮތުގައި މި އަހަރު ތެރޭގައި ވެސް އޭނާގެ ވަރަށް ޝައުގުވެރިވާ ޒާތުގެ ފިލްމުތަކެއް ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި "އަނޭކް" އާއި "ޑޮކްޓަ ޖީ" ހިމެނޭ ކަމަށާއި "އަނޭކް" ގައި އޭނާ ކުޅެނީ ޖާސޫސެއްގެ ރޯލު ކަމަށާއި "ޑޮކްޓަ ޖީ" ގައި ކުޅެނީ ޑޮކްޓަރެއްގެ ރޯލު ކަމަށް ވެސް އަޔުޝްމާން ބުންޏެވެ.

އަދި "އެކްޝަން ހީރޯ" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި އެ ފިލްމުގައި އޭނާ ފެންނާނީ އެހެން ފިލްމުތަކާ މުޅިން ތަފާތުކޮށް ހަށިގަނޑު ވަރުގަދަ މީހެއްގެ ސިފައިގައި ކަމަށް އަޔުޝްމާން ބުންޏެވެ.

ޓައިމް މެގަޒިން އިން ނެރުނު "ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓު"ން ޖާގަ ހޯދާފައިވާ އަޔުޝްމާން ބުނި ގޮތުގައި އޭނާ ކުޅެން ޚިޔާރުކުރާ ކޮންމެ ފިލްމަކީ ވެސް ވަރަށް އޮރިޖިނަލް ވާހަކަތަކަށް ބިނާކޮށްފައިވާ ފިލްމުތައް ކަމަށެވެ. އަދި ކޮންމެ އުމުރު ފުރައެއްގެ ބަޔެއްގެ ވެސް މުނިފޫހިފިލާ ފަދަ ފިލްމުތައް ކަމަށެވެ.

މި ފިލްމުތަކުގައި އޭނާ ކުޅޭ ތަފާތު ޔުނީކް ކެރެކްޓާތައް ބެލުންތެރިންނަށް ކަމުދާނެކަމަށް އުންމިދުކުރާ ކަމަށް އަޔުޝްމާން ބުންޏެވެ.
އަޔުޝްމާން މިއަހަރު ކުޅޭ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒްކުރާނީ އަނުބަވް ސިންހާ ޑައިރެކްޓްކުރާ "އަނޭކް" އެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މި ހިނގާ މޭ މަހުގެ 27 ވަނަ ދުވަހު އެވެ.