ބޮލީވުޑްގެ ސުޕަސްޓާ ސަލްމާން ޚާން އަށް 50 އަހަރު ފާހަގަކުރުމަށް އާދީއްތަ ދުވަހުގެ ރޭ ވަނީ ބޮޑު ޕާޓީއެއް ބާއްވާފަ އެވެ.
ސަލްމާންގެ އާއިލާގެ ފަރާތުން ބޭއްވި މިޕާޓީ ފަޅުފިލުވައިދިނުމަށް ބޮލީވުޑްގެ ނަން މަޝްހޫރު ފަރާތްތަކުން ބައިވެރިވެފައިވާއިރު ހުރިހާ ގޮތަކުންވެސް މިޕާޓީއަކީ ފާހަގަކޮށްލެވޭ ބޮޑު ޕާޓީއެކެވެ.
ސަލްމާނަށް 50 އަހަރު ފުރުމާ ގުޅިގެން އޭނާގެ އާއިލާއިން ބޭނުންވީ، އޭނާހެ އުފަންދުވަސް އެހެން އަހަރުތަކުގައި މާކުލަ ގަދަކޮށް ފާހަގަނުކުރާތީވެ އާއެކު ބޮޑު ޕާޓީއެއް ދިނުމަށެވެ.
ޕާންވެލްގއި ހުންނަ ސަލްމާންގެ އާއިލާގެ ފާމް ހައުސްގައި މިޕާޓީ ބާއްވާފައިވާއިރު، މިޕާޓީއިން ވަނީ އެތައް ބައެއްގެ ސަމާލުކަން އަތުލާފަ އެވެ.
ކު؛ލަ ގަދަ ބޮޑު ހަފްލާއެއްގައި އަލިގަދަ އެތަކެއް ތަރިންނާއެކު ސަލްމާންގެ އުފަންދުވަސް ފާހަގަކޮށްފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ އުފަންދުވަސް ފާހަގަކުރުމަށް ސަލްމާން ފަޅާލި ބޮޑު ކޭކެވެ.
މިޕާޓީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެންމެ ގިނަބައެއްގެ ލޮލުގައި އަޅައިގަތީ އުފަންދުވަހުގެ ކޭކު ފެޅުމަށް ސަލްމާން ބޮޑު ވަޅިއެއް ހިފަހައްޓައިގެން ހުރި ފޮޓޯއަށެވެ. އޭރު މުޅި ކޭކުގެ ފޮޓޯ އާންމުވެފައި ނުވީ ނަމަވެސް ސަލްމާން ހިފަހައްޓައިގެން އިން ވަޅިން އޭނާ ފެޅި ކޭކުގެ ބޮޑުކަން އެނގެ އެވެ.
މިޕާޓީ ބޭއްވިތާ ދެތިން ދުވަސް ފަހުން މިވަނީ 50 އަހަރު ފުރުން ފާހަގަކުރުމަށް ސަލްމާން ފެޅި ކޭކުގެ ވާހަކަ އާންމުވެފަ އެވެ. މީޑިއާ ރިޕޯތްތައް ބުނާގޮތުން މިކޭކުގެ ބަރުދަނަކީ ވެސް 50 ކިލޯ އެވެ. އަދި ތިން ބަޔަކަށް ހަދާފައިވާ މިކޭކުގެ އަގަކީ އެއްލައްކަ ރުޕީޒް ކަމަށްވެސް ވެ އެވެ.
މިޕާޓީ އިންތިޒާމްކުރުމުގައި އެންމެ ބޮޑަށް އުޅެފައިވަނީ ސަލްމާންގެ ކޮއްކޮ އަރްޕިތާ ޚާން އެވެ. އަރްޕިތާ ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން އޭނާ ބޭނުންވީ 50 ވަނަ އުފަންދުވަހަކީ ހުރިހާ ގޮތަކުން ވެސް ސަލްމާން ހަނދާނުގައި ހުންނާނެ ފަދަ އުފަންދުވަހަކަށް ހެދުމެވެ. އެގޮތުން ސަލްމާނަށް ފުރުނު އަހަރާއި ކޭކުގެ ބަރުދަނާއި އެއްވަރެއްގައި ހަދާފައިވާ ކަމަށްވެ އެވެ.