މޭޑޭ

މޭޑޭ ރެލީއަށް ފުލުހުން ހުއްދަ ދީފި

މޭޑޭ ރެލީ އިންތިޒާމް ކުރާ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ދެ ފަރާތުން އެއްބަސްވެވޭ އެހެން ސަރަހައްދެއްގައި ރެލީ ކުރިއަށް ގެންދިއުމުގެ ހުއްދަ ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ދީފި އެވެ.

ފުލުހުން މީގެ ކުރީން ބުނީ މޭޑޭގައި ބާއްވަން ރާވާފައިވާ ރެލީއާ ގުޅޭގޮތުން ފުލުހުންނާއެކު ބޭއްވުނު ބައްދަލުވުމުގައި ރަމަޟާންމަހުގެ ހަވީރުގެ ވަގުތުތަކަކީ މާލޭގެ މަޖީދީ މަގުގެ ޓްރެފިކަށް ވަރަށް ބާރުބޮޑުވާ ވަގުތަކަށް ވާތީ އާއި ވަކިން ހާއްސަކޮށް ރަމަޟާންމަހުގެ ފަހު ދުވަހު އިތުރަށް ޓްރެފިކް ބާރު ބޮޑުވާނެ ކަމަށް ބެލެވޭތީ މަޖީދީމަގުގެ ބަދަލުގައި ގާނޫނު ހުއްދަ ކުރާ އެހެން ސަރަހައްދެއްގައި އެ ރެލީ ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދޭ ކަމަށް އެ ފަރާތުގައި ބުނެފައިވާ ކަމަށެވެ.

ނަމަވެސް، އެ ހުށަހެޅުމާ އެއް ގޮތަށް އަމަލުކުރުމަށް ރެލީ އިންތިޒާމް ފަރާތުން އެއްބަސްވެފައި ނުވާތީ މަޖީދީމަގުގައި އެ ރެލީ ނުބޭއްވޭނެ ކަމަށް އެންގި ކަމަށެވެ. އަދި ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ތަރަހައިގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތްތަކަށް ފުލުހުން އެއްބާރުލުން ދޭނެ ކަމަށްވެސް އެ ބައްދަލުވުމުގައި ބުނެފައިވާނެ ކަމަށެވެ.

އެކަމާއި ގުޅިގެން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ މޭޑޭ ރެލީ އިންތިޒާމް ކުރާ ފަރާތްތަކާއެކު ކުރެވުނު އިތުރު މަޝްވަރާތަކަށްފަހު ދެ ފަރާތުން އެއްބަސްވެވޭ އެހެން ސަރަހައްދެއްގައި ރެލީ ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ސަރަހައްދެއް ކަމެއް ނުބުނެއެވެ.