މާރިޔާ އަހުމަދު ދީދީ

މާރިޔާގެ ސިފަ ކުރުން ކަމަކު ނުދިޔަ

ދެހާސް ފަނަރަ ވަނަ އަހަރު މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާ ދިނުމުން ހައްޔަރުކޮށް ދައުވާކޮށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ގޯލް ކީޕަރު އަދި މިހާރު ޔޫތު މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު އިބްރާހިމް ލަބާން ޝަރީފަކީ ހީރޯ -- ބަތަލެެއް -- އެއް ކަމަށް ސިފަކޮށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓްގެ މައްސަލަ ހޫނުވެއްޖެ އެވެ.

މާރިޔާ ކުރެއްވި ޓްވީޓެއްގައި ލަބާނަކީ ބަތަލެއް ކަމަށް ސިފަ ކޮށްފައި ވެއެވެ. އަދި ލަބާނަށް އިއްވި ހުކުމަކީ ރަހުމުކުޑަ އަމަލެއްގެ ގޮތުގައި ސިފަ ކޮށްފައި ވެއެވެ. މޭޑޭގެ މުޒާހާރައަކީ ސުލްހަވެރި ހަރަކާތެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެ ޓްވީޓަށް ވަރަށް ގިނަ ބަޔަކު ފާޑުކިޔެވެ. އަދި ފުލުހަކަށް އެވަރުގެ އަނިޔާއެއް ދިނުމުން ބަތަލަކަށްވީ ގޮތަކާމެދު ސުވާލު އުފެއްދި އެވެ. ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން މާރިޔާ އެފަދަ ވާހަކައެއް ވިދާޅުވުމުން ވެސް ވަރަށް ގިނަ ބަޔަކަށް ކަމަކު ނުދިޔައެވެ. ސިފައިންނާއި ފުލުހުންނަށް އެންމެ ބޮޑު ލޯތްބަކާއި އިހުތިރާމެއް އޮންނަން ޖެހޭނެ އެއް ބޭފުޅަކީ މާރިޔާ ކަމަށްވެސް ބައެއް މީހުން ސިފަ ކުރިއެވެ.

އާންމުންގެ ފާޑުކިޔުން ބޮޑުވުމުން މާރިޔާގެ އެ ޓްވީޓަށް ލަބާން ވެސް ވަނީ ޖަވާބެއް ދީފައެވެ. މާރިޔާ ބަހައްޓަވާ ގާތްކަމަށް ޝުކުރު އަދާކޮށް މާރިޔާގެ އެ ސިފަ ކުރެއްވުން ރަނގަޅު ނޫން ކަމަށް ލަބާން ބުނެފައި ވެއެވެ.

ލަބާން ބުނީ އޭނާ ކުރި ކަމަކީ ބަތަލަކަށް ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް ގަބޫލު ވެސް ނުކުރާ ކަމަށެވެ. އަދި މީހަކަށް އަނިޔާއެއް ދިނުމަކީ ގަސްތެއް ނޫން ކަމަށެވެ. ޖަލުގައި ހޭދަކުރި މުއްދަތާއި ޖަލު ހުކުމަކީ ފިލާވަޅެއް ކަމަށެވެ.

ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށް ސާބިތުވުމުން ލަބާންގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ޖުލައި 25، 2016 ގައެވެ.

މި މައްސަލާގައި ކުރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ ގޮތުން މުޒާހަރާގެ ބައިވެރިން ކޮންޓްރޯލުކުރަމުންދިޔަ ޕޮލިސް ސާޖަންޓު އަބްދުއްރަހްމާން ހުސައިން މަގު މައްޗަށް ވައްޓާލާފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ޗާންދަނީމަގު އިސްކަންދަރު ސްކޫލް ކައިރީގަ އެވެ. ސާޖަންޓު އަބްދުއްރަހްމާން ހުސައިން މަގުމައްޗަށް ވައްޓާލީ ލަބާން އޭނާގެ ފަޔަށް ޖެހި ޓެކުލްއެއްގައި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ލަބާން ވަނީ އެ ފުލުސް މީހާގެ ކިބައިން މައާފަށް ވެސް އެދިފައެވެ. ތިން އަހަރުގެ ޖަލު ހުކުމަކަށް ފަހު ޕެރޯލްގެ ދަށުން ލަބާން މިނިވަން ކުރީ މެއި 20، 2018 ގައެވެ.