ގެއްލުވާލި އަހުމަދު ރިލްވާންގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅުވައި ދެއްކި ކަރުދާސްތައް އަތުލީ ފުލުހުން ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދެއްކެވުމަކީ ފުލުހުންގެ ބޮލުގައި އިލްޒާމެއް އެޅުވުން ކަމަށާއި އެކަން ތަހުގީގު ކުރަން ނައިފަރު ދާއިރާގެ މެންބަރު އަހުމަަދު ޝިޔާމް ގޮވާލައްވައިފި އެވެ.
ސަރުކާރާ ދެކޮޅަށް 2015 ވަނަ އަހަރު ބޭއްވި "މޭޑޭ މުޒާހަރާ" ގެ ތެރެއިން ރިލްވާންގެ މައްސަލަ ރައީސް ޔާމީން އާ ގުޅޭކަމަށް ތުހުމަތުކޮށް ކަރުދާސްތަކެއް އިމްރާން ދައްކަވާފައިވާތީ ޝިޔާމް ވަނީ އެ ކަރުދާސްތައް މިހާރު ކޮބައިތޯ މަޖިލީހުގައި އިއްޔެ އައްސަވައިފަ އެވެ.
އިމްރާން ވިދާޅުވީ މޭޑޭ މުޒާހަރައިން އޭނާ ހައްޔަރު ކުރިއިރު، އެ ލިޔުންތައް ފުލުހުން އަތުލާފައިވާ ކަމަށެވެ.
"މޭޑޭ މުޒާހަރާގައި ތި ބޭފުޅުން އަޅުގަނޑު ބަންދުކުރި. އޭރު ފުލުހުންގެ ތެރެއިން އެ ކަރުދާސްތައް ގެންދިއަ ބައެއްގެ އަތުގައި ވާންޖެހޭނެ. ދެން އަޅުގަނޑު އަނެއްކާވެސް ޖެހޭނީ ތަހުގީގެއް ފަށަން،" ޝިޔާމަށް ރައްދު ދެއްވައި އިމްރާން ވިދާޅުވި އެވެ.
މިހާރު އެމްއެމްޕީއާރުސީ ހިޔާނާތް ފަދަ އިތުރު އެހެން ތަހުގީގުތައް ކުރެވެމުންދާތީ، އެ ކަރުދާސްތައް ގެންދިއަ ބަޔަކު ހޯދުމުގެ ތަހުގީގާ ހަމައަށް އަދި ނުދެވޭ ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާންގެ ވާހަކަތަކާއި ގުޅިގެން ޝިޔާމް ވިދާޅުވީ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވާ އެފަދަ މޭރުމަކުން ދިވެހި ފުލުހުން ބަދުނާމުކޮށް އެފަދަ އިލްޒާމެއް އެޅުވުމުން އެކަން ފުލުހުން ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ.
މެއި 1، 2015 ގައި ބޭއްވި މުޒާހަރާތަގެ ތެރެއިން، މިއަދުުވެސް ހަގީގަތާއި ހަމައަށް ވާސިލްނުވެވިވާ ރިލްވާންގެ އިތުރުން ޑރ. އަފްރަޝީމް އަލީގެ މަރުގެ އިލްޒާމް އޭރުގެ ސަރުކާރުގެ ވެރިންގެ ބޮލުގައި އަޅުވާ އެކަމުގެ ހެކި ހުރި ކަމަށް ވިދާޅުވެ އިމްރާން ވަނީ ދައްކަވާފަ އެވެ.
އެ ރޭ އިމްރާން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލައި، 12 އަހަރަށް ޖަލަށްލާން ހުކުމްކުރި އެވެ. ގިނަ ދުވަސްތަަކަކު ޖަލުގައި ހުންނެވުމަށް ފަހު، އިމްރާންގެ ހުކުމް ބާތިލުކޮށްފައި ވަނީ މި ސަރުކާރު އައި ފަހުންނެވެ.