އިމްރާން އަބްދުﷲ

ޝިޔާމަށް ހަމަލަދިން މައްސަލަ ބަލާނެ: އިމްރާން

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުމުގެ މައްސަލަ އިންސާފުވެރިކަމާއެކު ބައްލަވާނެ ކަމަށް ފުލުހުންގެ އެންމެ އިސްވެރިޔާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ކޯލިޝަނުން ލަސް ކުރީ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދެއްކެވުމުން މެންބަރު ޝިޔާމް ވަނީ އެ ރޭގެ ޖަލްސާގައި އަޑުގަދަ ކުރައްވާފައެވެ. އެއާއެކު ރައީސް ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް އަންގަވާފައެވެ.

ނަމަވެސް ޝިޔާމް ވަނީ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް ދެކޮޅު ހައްދަވާފައެވެ. އެކަމާއި ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ޝިޔާމްގެ ގައިކޮޅަށް އަތްލައްވާފައެވެ. ޝިޔާމްގެ ގަމީސްވެސް ވަނީ ވީދާލާފައެވެ. އަދި ބައެއް އެހެން އަނިޔާތައްވެސް ލިބިފައިވެއެވެ.

ޝިޔާމްގެ ނަން އިއްވެވުމަށްފަހު އޭނާ މަޖިލީހުގެ ތަޅުމުން ނެރުމަށް ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ގޮވާލައްވަމުން ގެންދެވިއެވެ. އަދި ވަރަށް ރުޅިވެރިކަމާއެކު އެމަނިކުފާނު ވަނީ ސާޖަންޓްއެޓް އާމްސްއަށްވެސް އެކަން އަންގަވާފައެވެ.

އެ މައްސަލަ އެ ރޭ އިދިކޮޅުން ވަނީ ފުލުހަށް ހުށައަޅާފައެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ މައްސަލަ ފުލުހުން ބައްލަވާނެ ކަމަށެވެ. އަދި އިންސާފުވެރިކަމާއެކު މައްސަލަ ބައްލަވާ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

އިދިކޮޅުން ވަނީ މަޖިލިސްތެރޭ މެންބަރުން ޝިޔާމަށް ހަަމަލަދިނީ ރައީސް ނަޝީދު އަންގަވައިގެން ކަމަށް ތުހުމަތު ކުރައްވާފައެވެ. އެ ރޭ މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުންވެސް ވަނީ ރައީސް ނަޝީދުގެ އަމަލުތައް ހުރި ގޮތާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި އަމިއްލަ މެންބަރުންވެސް ހިމެނެއެވެ.