ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އީދުގެ އުފަލުގައި ފަގީރުން ބައިވެރިކުރަން އެދިވަޑައިގެންފި

May 1, 2022

ފިތުރު އީދާ ބައްދަލުކުރާއިރު، އިޖުތިމާއީ ގުޅުންތަކާއި އާއިލީ ގުޅުންތައް އާލާކޮށް ބަދަހިކުރުމަށް، އިސްލާމް ދީނުގައި ދީފައިވާ ހާއްސަ ސަމާލުކަން ހަނދާންކުރުމަށާއި، އީދުގެ އުފާ ފާޅުކުރުމުގެ ތެރޭގައި އިޖުތިމާއީ ހަމަހަމަކަން ގާއިމުކޮށް، މުޖުތަމައުގައި ތިބި ފަގީރުންނާއި މިސްކީނުންނާއި ނިކަމެތިންގެ ހިތްތަކަށްވެސް އުފާވެރިކަން ގެނެސްދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަހަރުގެ ފިތު އީދު ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

އީދާ ގުޅިގެން ފޮނުއްވި މިހިތާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި އެންމެހައި މުސްލިމުންނަށާއި، އިސްލާމީ ޖަމިއްޔާ ޖަމާއަތްތަކުގެ ވެރިންނަށްވެސް އީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާފަ އެވެ.

ރައީސް ވިދާޅުވީ އީދުގެ އުފާ ފާޅުކުރުން އާއިލާގެ ތެރެއިން ފެއްޓުމަށާ، މައިންބަފައިންނާއި މާމައިންނާއި ކާފައިންނަށް ޒިޔާރަތްކޮށް ހާލުއަހުވާލު އޮޅުންފިލުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެމީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ، އަގުބޮޑު ހަދިޔާއެއް ދިނުމަށްވުރެ މާބޮޑަށް، ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަނބިދަރިންނާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، ހިޔާލު ބަދަލުކޮށްލައި ވާހަކަދައްކާލުމަށް ވަގުތުކޮޅެއް ހާއްސަކޮށްލުމަކީ ވެސް، އާއިލީ ގުޅުން ބަދަހިކުރުމަށްޓަކައި ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުވައި އެމީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ވެސް އީދުގެ އުފާ ފާޅުކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އިސްލާމް ދީނުގައި އީދުގެ އުފާ ފާޅުކުރުން އޮތީ އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވާ ގޮތެއްގައި ކަމަށެވެ. އެހެންވެ ކޮންމެ މީހަކުވެސް އެމީހެއްގެ އަވަށްޓެރިންނާއި ރައްޓެހިންނާއި އެކުވެރިންނާއެކު އީދުގެ ތަހުނިޔާއާއި ހަދިޔާ ބަދަލުކޮށް އުޅުމަކީ، މުޅި މުޖުތަމައުގައި އުފާވެރިކަމާއި އެކުވެރިކަން އުފެދިގެންދާނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ. މީގެއިތުރުން މުޖުތަމައުގައި ތިބި ނިކަމެތިންނާއި ފަގީރުންނަށް އެހީ ފޯރުކޮށްދީ، އެމީހުންނަށް ކުރިމަތިވެފައިވާ ދަތިތައް ފިލުވައިދިނުމަކީ، އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް، އެމީހެއްގެ ފެންވަރުން ކުރެވޭނެ ކަމެއްކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.