ރާއްޖެ ކުޅިވަރު

ވެންހާލް ކުޅުވާ ސިސްޓަމާމެދު އެޑިޑާސްއިން ހިތްހަމަނުޖެހިފައި

މެންޗެސްޓާ ޔުނައިޓެޑުގެ ވިކެމުންދަނީ ހިތްހަމަޖެހޭ މިންވަރަކަށް ނަމަވެސް އެ ޓީމުގެ ކުޅުމާމެދު ހިތްހަމަނުޖެހޭ ކަމަށް ޔުނައިޓެޑުގެ ޖާޒީ ތައްޔާރުކުރާ އެޑިޑާސް ކުންފުނިން ބުނެފި އެވެ.

އެކުންފުނީގެ ސީއީއޯ ހާބަޓް ހެއިނާ ބުނީ އެމީހުން އުއްމީދުކުރި ވަރަށްވުރެ އިތުރަށް ޔުނައިޓެޑުގެ ޖާޒީ ވިކެމުންދާ ކަމަށެވެ.

"މެންޗެސްޓާ ޔުނައިޓެޑާއެކު ކުރާ ވިޔަފާރިދަނީ ވަރަށް ރަނގަޅަށް. އަހަރުމެން އުއްމީދު ކުރި ވަރަށްވުރެ އިތުރަށް ވެސް ޖާޒީ ވިކިއްޖެ. މެންޗެސްޓާ ޔުނައިޓެޑުން މިހާރު ކުޅެމުންދާ ސްޓައިލަކީ އަހަރުމެން ބޭނުންވާ ސްޓާއިލަކަށް ނުވިނަމަވެސް (ވިޔަފާރިއާމެދު) އަހަރުމެން ހިތްހަމަޖެހޭ،" އެޑިޑާސް ކުންފުނީގެ ސީއީއޯ ބުންޏެވެ.

އެޑިޑާސްއާ ވާދަވެރި ނައިކީ ކުންފުންޏާއެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އައުމުން އެޑިޑާސްއިން ޔުނައިޓެޑުގެ ޖާޒީ ތައްޔާރުކުރަން ފުރުސަތު ހޯދީ 10 އަހަރު ދުވަހަށް 750 މިލިއަން ޕައުންޑަށެވެ.

އެޑިޑާސްއިން ޔުނައިޓެޑުގެ ކުޅުމާމެދު ހިތްހަމަނުޖެހުން ފާޅުކުރިއިރު ކޯޗު ލުއިސް ވެންހާލް ކުޅުވާ ސިސްޓަމަށް ޔުނައިޓެޑުގެ ކުރީގެ ތަރިން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެމީހުން ބުނަނީ ޑިފެންސިވް ސްޓައިލަށްވުރެ ޔުނައިޓެޑަށް ކަމުދާނީ އެޓޭކިން ކުޅުމެއް ކަމަށެވެ.
ޔުނައިޓެޑް މި ވަގުތު އޮތީ އިނގިރޭސި ލީގުގެ ފަސް ވަނާގަ އެވެ. އަދި ގިނަ މެޗުތަކަކުން ބަލިވަމުންދިއުމާއި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓާފައިވާތީވެ ކޯޗަށް ވަނީ މަގާމު ގެއްލުމުގެ ބިރު ވެސް ކުރިމަތިވެފަ އެވެ.