ރާއްޖެ ކުޅިވަރު

އަފްގާނިސްތާނުގެ އަމާޒަކީ ވޯލްޑް ކަޕުގައި ކުޅުން

އަފްގާނިސްތާނުގެ އަމާޒަކީ ދުނިޔޭގެ ތައްޓަށް ކުޅޭ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކަމަށާއި ޓީމު މަސައްކަތް ކުރަނީ އެ އަމާޒަށް ވާސިލްވުމަށް ކަމަށް އެ ގައުމުން ބުނެފި އެވެ.

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މާދަމާ ސްރީލަންކާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ތާޖް ހޮޓަލުގައި ވާހަކަ ދައްކަމުން ކޯޗު ބުނީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އޭޝިއަން ކަޕުގައި އަފްގާނިސްތާނަށް ކުޅެވިދާނެ ކަމަށެވެ.

"އެއީ ވެދާނެ ކަމަށް. ކީއްވެ ނުވާންވީ. އަހަރުމެންގެ އަމާޒަކީ ވޯލްޑް ކަޕް. އެެއީ އަހަރުމެންގެ އުއްމީދެއް. އަހަރުމެންނަށް ދެ އަހަރު ތެރޭގައި އޭޝިޔާ ކަޕުގައި ކުޅެވިދާނެ. އަހަރުމެންގެ މަސައްކަތް މި ކުރަނީ ޕްލޭނަކާ އެކީގައި،" ތާލިބާނުންގެ ވެރިކަން ނިމުމުން 2003 ވަނަ އަހަރު އަލުން ފުޓްބޯޅައިގައި ވާޑަކުރަން ފެށި ގައުމުގެ ކޯޗު ބުންޏެވެ.

މާދަމާގެ ސެމީ ފައިނަލް މެޗާ ބެހޭ ގޮތުން ކޯޗު ބުނީ ލަންކާ އަކީ ވަރަށް ނުރައްކާތެރި ޓީމެއް ކަމަށެވެ.

"ވަރަށް ނުރައްކާތެރި ޓީމެެއް ސްރީލަންކާ އަކީ. އަހަރުމެން އެމީހުންނަށް އިހްތިރާމް ކުރަން. ކުޅުންތެރިން ތިބީ މި މެޗު ކުޅެން ތައްޔާރަށް. ޓީމުގައި އަނިޔާގެ މައްސަލައެއްނެތް. އަހަރެން އުއްމީދު ކުރަނީ ސަޕޯޓަރުންނަށް ވަރަށް ރަނގަޅު މެެޗެއް ފެނިގެންދާނެ ކަމަށް،" މުބާރާތުގެ ގްރޫޕް ސްޓޭޖުގައި 11 ގޯލު ޖަހައި ބައިކޮޅަށް އެންމެ ގޯލެއް ވަދެފައިވާ ޓީމުގެ ކޯޗު ބުންޏެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ކޯޗު އަދި ބުނީ ސެމީ ފައިނަލަށް ނުކުންނައިރު ލަންކާ އަށް ފަސް ދުވަސް އަރާމު ކުރަން ލިބުމަކީ ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށާއި ނަމަވެސް މެޗަށް އަފްގާނިސްތާން އޮތީ ތައްޔާރުވެ ކަމަށެވެ.

"އެއީ އެޑްވާންޓޭޖެއް. އެކަމަކު އެ ވާހަކަ މިހާރު ދައްކާނެ ކަމެއްނެތް. އަހަރެންގެ ކުޅުންތެރިން ތިބީ އެކަމަށް ތައްޔާރުވެގެން. އަހަރެން ވަރަށް ހިތްހަމަޖެހޭ ކުޅުންތެރިންގެ ޑިސިޕްލިންއާ މެދު. ޓީމަށް ފަހަރުގައި ބަދަލު އަތުވެދާނެ،" ކޯޗު ބުންޏެވެ.

ލަންކާ ބަލިކުރެވިއްޖެނަމަ ފައިނަލްގައި އަފްގާނިސްތާން ކުޅެން ޖެހޭނީ އިންޑިޔާ ނުވަތަ ރާއްޖެއާ އެވެ.