ބޮލީވުޑް

"ތާރޭ ޒަމީން ޕަރް"ގެ ކުޑަ ކުއްޖާ ބޮޑުވެގެން ކުޅޭނެ ފިލްމެއް ނުލިބުނު

އާމިރު ޚާންގެ "ތާރޭ ޒަމީން ޕަރް"ގައި އަށް އަހަރުގެ ކުޑަ ފިރިހެންކުއްޖާ އިޝާންގެ ރޯލު އަދާކުރި ދަރްޝީލް ސަފާރީ އަކީ މިހާރު 25 އަހަރުގެ ޒުވާނެކެވެ. "ތާރޭ ޒަމީން ޕަރް" ކުޅުނުއިރު ދަރްޝީލް އަށް 10 އަހަރެވެ. ނަމަވެސް އޭނާ އެ ފިލްމުގައި ކުޅެފައިވާ ރޯލަކީ ބޮޑެތި އެކްޓަރުންނަށް ވެސް އަދާ ނުކުރެވޭ ވަރުގެ މޮޅު ރޯލެކެވެ.

މިހާރު ދަރްޝީލް ބޮޑުވެ ބޮލީވުޑްގެ ފުރުސަތުތަކަކަށް ދަނީ އިންތިޒާރު ކުރަމުންނެވެ. ދަރްޝީލް ބުނި ގޮތުގައި އޭނާ ވަނީ ބައެއް ޑައިރެކްޓަރުންނާއެކު ވަރަށް ރަނގަޅު ޕްރޮޖެކްޓްތަކަކާ ގުޅޭ މަޝްވަރާތަކެއް ކޮށްފަ އެވެ. ނަމަވެސް ޕެންޑެމިކްގެ ސަބަބުން ހުރިހާ ކަމެއް ހުއްޓުނީ އެވެ.

ދަރްޝީލް ހީކުރީ އުމުރުން 25 އަހަރުވާއިރު އޭނާގެ ބޮލީވުޑް ކެރިއަރު ވަރަށް ރަނގަޅަށް ހިނގައިގަންނާނެ ކަމަށެވެ. ނަމަވެސް އެނާގެ ހުރީ ރޭވުންތަކެއް ވަނީ ނާކާމިޔާބުވެފަ އެވެ.

"މަގޭ އެކުވެރިންނާއި މައިންބަފައިން ކެތްތެރިވާށޭ ކިޔައިގެން ނަސޭހަތްދީ ހައްދާލަން އުޅޭނެ އަބަދުވެސް. އަހަރެން އެމީހުންނާ ދިމާލަށް ބުނަން އެމީހުންނަކަށް ނޭނގޭނޭ އަހަރެންނަށް ކުރެވޭ އިހްސާސްތަކެއް،" ދަރްޝީލް ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި "ތާރޭ ޒަމީން ޕަރް" އިން އޭނާއަށް އެ ލިބުނު މަޝްހޫރުކަމާއި މަގްބޫލުކަން މިހާރު މުޅިން ގެއްލި ނިމިއްޖެ އެވެ. އެކަން ހިތަށް އެރިޔަސް އޭނާ ދެރަ ވެ އެވެ.

"ތާރޭ ޒަމީން ޕަރް" ކުޅުމުގެ ފުރުސަތު ދަރްޝީލް އަށް ދިނީ އާމިރެވެ. އޭރުއްސުރެ ވެސް ދަރްޝީލްގެ ބައްޕަ އާމިރު އާ ގުޅައި އޭނާގެ ކެރިއަރާއި ޚިޔާރުކުރާނެ ފިލްމުތަކާ ގުޅޭ މަޝްވަރާ ތައް ކުރެ އެވެ.

ހިންދީ ފިލްމުތަކުގައި މިހާރު މަސައްކަތްކުރާ ބަތަލާއިންގެ ތެރެއިން ދަރްޝީލް އެންމެ ބޭނުމީ ސާރާ އަލީ ޚާނާއި ޖާންވީ ކަޕޫރާއެކު ފިލްމު ކުޅޭށެވެ. އެ ދެ ބަތަލާއިންނަކީ މިހާރު އިންޑަސްޓްރީގައި ރަނގަޅަށް ފައިތިލަ ސާބިތުވެފައި ތިބި ތަރިންނަށް ވާތީ އެވެ. ދަރްޝީލްގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން ޚުދް އޭނާ އަށް ވެސް އެފަދަ މަގާމަކަށް އާދެވުމެވެ.

"ތާރޭ ޒަމީން ޕަރް" އަށް ފަހު ދަރްޝީލް ވަނީ 2010 ގައި ރިލިޒްކުރި "ބަމް ބަމް ބޯލޭ" އާއި 2012 ގައި ރިލީޒްކުރި ދީޕާ މެހެތާގެ "މިޑްނައިޓްސް ޗިލްރަން" ގައި މުހިއްމު ރޯލުތަކެއް އަދާކޮށްފަ އެވެ. އަދި އެއަށްފަހު ތައުލީމު ފުރިހަމަކުރުމަށްޓަކައި ބޮޑު ބްރޭކެއް ނެގި އެވެ. މި ބްރޭކުން އެނބުރި އައިސް ފިލްމު ކުޅެން ތައްޔާރުވީއިރު އޭނާގެ ހަނދާން ހުރި މީހަކު ހުރި ކަމަކަށް ނުވެ އެވެ. ދަރްޝީލްގެ ޝަކުވާ އަކީ މިއީ އެވެ.