ގައުމުގެ އަމާން ކަމަށް ބުރޫއަރާނެ އެއްވެސް ކަމެއް އެކަކުވެސް ކޮށްގެން ނުވާނެ ކަމަށާ އަމާން ކަމުގެ ނިއުމަތް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ލިބިފައިވާ ހުރިހާ ހަކަތައެއް ބޭނުން ކުރުމަށް މިއަދުގެ އީދު ހުތުބާގައި ގޮވާލައިފި އެވެ.
އީދު ހުތުބާގައި ބުނެފައިވަނީ ވަތަނުގެ އަމާން ކަމަކީ މާތްﷲ އިންސާނަކަށް ދެއްވާނެ އެންމެ ބޮޑު ނިއުމަތް ކަމަށެވެ. އެއީ ތަަރައްގީ އާއި ހިތްހަމަޖެހުން ލިބުނު އަސާސް ކަމަށާ އެއީ ކޮންމެ އިހުލާސްތެރިއަކު ދަހިވެތިވާނެ ކަމެއް ކަމަށެވެ.
އެ ކަމަކީ ރަސޫލު ބޭކަލުން އެކަމަށްޓަކައި ދުއާފުޅު ކުރެއްބި ކަމެއް ކަމަށް ބަޔާންކޮށް އެކަމުގެ މިސާލުތައް ދެއްކެވިއެވެ. އެ ގޮތުން މާތްﷲގެ ޚަލީލް އިބްރާހިމް އަލައިހިއްސާލާމް މާތްﷲގެ ހަސްރަތުގައި ހުޝޫއަތްތެރިކަމާއެކު ދެންނެވި ދުއާ ހަނދާން ކޮށްދެއްވިއެވެ.
އިބްރާހިމްގެފާނުގެ ދުއާފުޅުގައި އެންމެ އިސްކަން ދެއްވީ ރަށުގެ އަމާން ކަމަށާ ކާބޯތަކެއްޗަށް ވުރެ އިސްކަން ދެއްވީ އަމަންއަމާން ކަމަށް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
"އެހެނީ އަމާން ކަމެއް ނެތް ތަނެއްގައި ހަމަޖެހުމެއް އަދި ހިތްހަމަޖެހުމެއްވެސް ނޯންނާނެ އެވެ. އެހެން ކަމުން އެންމެންވެސް ގައުމުގެ ސުލްހަ މަސަލަސް ކަމަށްޓަކައި މަސައްކަތް ކުރަން ވަނީ ޖެހިފައެވެ. ގައުމުގެ އަމާން ކަމަށް ބުރޫއަރާފާނެ އެއްވެސް ކަމެއް އެކަކުވެސް ކޮށްގެން ނުވާނެ އެވެ. މި ނިއުމަތް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ލިބިފައިވާ ހުރިހާ ކެރިފޯރުންތެރިކަމެއް، ތަނަވަސް ކަމެއް، ހަކަތައެއް ހޭދަ ކުރަން ޖެހެއެވެ،" ހުތުބާގައި ގޮވާލައްވާފައިވެއެވެ.
މީގެ އިތުރުން ނަސޭހަތްތެރިންނާއި މުރައްބީންނާއި މުދައްރިސުން އަދި މައިންބަފައިންނާއި ޒިންމާދާރު އެންމެން މި ކަމަށްޓަކައި އެބައިމީހުންގެ ބެލުމުގެ ދަށުގައި ތިބި އެންމެންނަށް ރަނގަޅު އިރުޝާދު ދޭން ޖެހޭ ކަމަށާ އެ މީހުންގެ ހަކަތަ ގައުމަށްޓަކައި ހުސްކޮށްލުމުގެ ރޫހު އަށަގަންނުވަން ޖެހޭ ކަމަށެވެ. އަދި ގައުމު ބިނާ ކުރުމަށްޓަކައި އަތުކުރި އޮޅާލަން ދަސްކޮށްދޭން ވާނެ ކަމަށް ވަނީ ބުނެފައެވެ.