އީދު ނަމާދު

މާލެ ސަރަހައްދުގައި ހަތަރު ތަނެއްގައި ބޮޑު ޖަމާއަތް އޮންނާނެ

މާލޭ ސަރަހައްދުގައި ބޮޑު އީދު ނަމާދު ބޮޑު ޖަމާއަތުގައި ހަތަރު ތަނެއްގައި ކުރާގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނީ މާލޭގެ މާފަންނު ސްޓޭޑިއަމާއި، ހުޅުމާލޭގެ ސިންތަޓިކް ޓްރެކާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމާއި އަދި ވިލިމާލޭގެ ބޯޅަދަނޑު ގައެވެ.

މާލެ ސަރަހައްދުގެ 25 މިސްކިތެއްގައި ވެސް އީދު ނަމާދުކުރުމަށް ހަމަޖެހިފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގެ 17 މިސްކިތަކާއި، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ތިން މިސްކިތަކާއި، ދެވަނަ ފިޔަވަހީގެ ދެ މިސްކިތެއްގެ އިތުރުން ހުޅުލޭގެ ދެ މިސްކިތަކާއި، ވިލިމާލޭގެ މިސްކިތެކެވެ.

ބޮޑު އީދުގެ ބޮޑު ޖަމާއަތް ރަށްރަށުގައި އޮންނާނީ އެރަށެއްގެ ކައުންސިލުން ކަނޑައަޅާ ތަނެއްގަ އެވެ. ރަށްރަށުގައި އާންމުކޮށް ބޮޑު ޖަމާއަތް އޮންނަނީ ފުޓްބޯޅަ ދަނޑުތަކާއި ބަނދަރު ސަރަހައްދުގަ އެވެ.

ސަރުކާރުން އެކުލަވާލާފައިވާ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ބޮޑު އީދު ދުވަހަކީ މި މަހުގެ 28 ވަނަ ދުވަހެވެ.