ރާއްޖެ ކުޅިވަރު

އަހަރުމެން ކުޅޭނީ ދިފާއީ ކުޅުމެއް: ލަންކާ ކޯޗު

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މާދަމާ ޗެމްޕިއަން އަފްގާނިސްތާނާ ދެކޮޅަށް ކުޅޭނީ ދިފާއި ގޭމެއް ލަންކާ ޓީމުން ބުނެފި އެވެ.

ކޯޗު ސަމްޕަތު ޕެރޭރާ ބުނީ އަފްގާނިސްތާނަކީ މުބާރާތުގެ ފެވަރިޓުން ކަމަށާއި ނަަމަވެސް ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ބަދަލުކޮށްލެވޭނެ ކުޅުންތެރިން އޭނާގެ ޓީމުގައި އެބަތިބި ކަމަށެވެ.

"އަހަރުމެންގެ އަމާޒަކީ ފައިނަލްގައި ކުޅުން. އަހަރުމެން މެޗު ފަށާނީ ވެސް ޑިފެންސިވްކޮށް. އެކަމަކު ކޮންމެ ވަގުތެއްގައި ވެސް އަހަރެންގެ ބައެއް ކުޅުންތެރިންނަށް ނަތީޖާ ބަދަލުކޮށްލެވިދާނެ. އެއީ ކޮން ވަގުތެއްގައިކަން ބުނާކަށް ނޭނގޭ. ކޮންމެ ކަމެއް ވެސް ވެދާނެ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ފިޒިކަލީ އަފްގާނިސްތާނަކީ ވަރުގަދަ ޓީމެއް ކަމަށާއި ނަމަވެސް ސެމީ ފައިނަލަށް ނުކުންނައިރު ލަންކާ އަށް ފަސް ދުވަސް އަރާމު ކުރަން ލިބިފައިވުމަކީ އެޑްވާންޓޭޖެއް ކަމަށެވެ.

"އެއީ އެޑްވާންޓޭޖެއް. އަހަރެންގެ ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއްނެތް،" ކޯޗު ބުންޏެވެ.

އަފްގާނިސްތާން މިދިޔަ ހަ ދުވަސް ތެރޭގައި ތިން މެޗު ކުޅެފައިވާއިރު ހަ ދުވަހުން ލަންކާ ކުޅުނީ އެންމެ ދެ މެޗެވެ. މިހެންވެ އެއީ ލަންކާ އަށް ލިބިފައިވާ އެޑްވާންޓޭޖެއްކަން އަފްގާނިސްތާން ކޯޗު ވެސް ފާހަގަކުރި އެވެ.

އަފްގާން ބަލިކުރެވިއްޖެނަމަ ފައިނަލުގައި ލަންކާ ވާދަކުރަން ޖެހޭނީ އިންޑިޔާ ނުވަތަ ރާއްޖެއާ އެވެ.