ރާއްޖޭގެ ޓީމުގައި ވަރަށް ހަލުވި ކުޅުންތެރިން އެބަތިބި ކަމަށާއި ރާއްޖެއަކީ އެޓޭކް ވެސް ވަރުގަދަ ޓީމެއް ކަމަށް އިންޑިޔާގެ ކޯޗު ސްޓެފަން ކޮންސްޓަންޓައިން ބުނެފި އެވެ.
ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މާދަމާ މެންދުރު ފަހު ތިނެއް ޖަހާއިރު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން އިނގިރޭސި ކޯޗު ބުނީ އޭނާގެ ޓީމަށް މެޗަށް ތައްޔާރުވާން ދަތިތަކެއް ހުރި ކަމަށެވެ.
"ބައެއް ކުޅުންތެރިން އިންޖަރީވެފައިވަނީ. މީގެ ސަބަބުން ދަތިތަކެއް އެބަހުރި މެޗަށް ތައްޔާރުވާން. ރާއްޖެ އަކީ ވަރަށް އޮގަނައިޒް ޓީމެއް. ބައެއް ކުޅުންތެރިން ވަރަށް ހަލުވި. އެމީހުންނަކީ މުޅިން ކައުންޓަ އެޓޭކް ކުރާ ބައެެއްނޫން. އެއީ ވަރުގަދަ ޓީމެއް،" ކޯޗު ބުންޏެވެ.
އިންޑިޔާގެ އެންމެ މުހިންމު ފޯވަޑް ރޮބިން ސިންގްގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ދެން މި މުބާރާތުގައި ނުކުޅެވޭނެ އެވެ. ކޯޗު ބުނީ ރޮބިން ނެތުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ނަމަވެސް އޭނާ ނެތި ކުޅުނު ވަގުތުތަކުގައި އެހެން ކުޅުންތެރިން ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ.
ނަމަވެސް އިންޑިޔާގެ ޒުވާން ބައެއް ކުޅުންތެރިން މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު އެމީހުންނަށް ނޫސްވެރިންގެ އުނދަގޫ ވެސް ބޮޑުވެފައިވާ ކަން ފާހަގަކޮށް، ޒުވާން ކުޅުންތެރިން ކުރިއަރުވަން އެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް އަޅާލުން ބޭނުންވާކަން ކޯޗު ވަނީ ފާހަގަކޮށްފަ އެވެ.
ކޯޗު ވަނީ ސާފް ޗެމްޕިއަންޝިޕުގެ ޝެޑިއުލަށް ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ރާއްޖެ އަތުން މޮޅުވެއްޖެނަމަ ފައިނަލުގައި އިންޑިޔާ ކުޅެން ޖެހޭނީ އަފްގާނިސްތާނާއި ލަންކާ މެޗުން މޮޅުވާ ޓީމަކާ އެވެ.
ކޯޗު ބުނީ އަމިއްލަ ގައުމުގައި ކުޅެން ޖެހުނަސް އިންޑިޔާ ޓީމަށް ވެސް އަދި އޭނާ އަށް ވެސް ޕްރެޝަރެއް ނެތް ކަމަށެވެ.