އިޒްރޭލާއެކު ގުޅުން ބަދަހިކުރުމަކީ މޮރޮކޯއަށް ހެދުނު ގޯހެއް ކަމަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު އަބްދުލްއިލާހް ބިންކިރާން ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ސަރުކާރުތަކަށް ގޯސް ހެދޭ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އެކަމަށް އިއުތިރާފުވުން ކަމަށެވެ.
ބިންކިރާން މޮރޮކޯގެ ބޮޑުވަޒީރުގެ މަގާމުގައި ފަސްއަހަރާ ދުވަސްކޮޅެއް ހޭދަކުރެއްވި އެވެ. އެއީ ނޮވެމްބަރު 29، 2011 އިން މާޗް 17، 2017 އަށެވެ. ބޮޑުވަޒީރުގެ މަގާމުގައި މިހާރު ހުންނެވީ އަޒީޒް އަޚްނޫޝް އެވެ. އޭގެ ކުރީގައި ހުންނެވީ ސައުދުއްދީން އަލްއުސްމާނީ އެވެ.
ސިޔާސީ ހަރަކާތްތަކާ ދުރަށް ވަޑައިގެން ފަސް އަހަރު ހޭދަކުރެއްވުމަށް ފަހު މިއަހަރުގެ މޭޑޭއާ ދިމާކޮށް އާންމު ސްޓޭޖަށް އަރާވަޑައިގެން އިޒްރޭލަށް ބަހުގެ ހަމަލާތަކެއް ވަނީ ދެއްވާފަ އެވެ.
ބިންކިރާން ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމުގައި ވެސް ގޯސްތަކެއް ވަނީ ހެދިފަ އެވެ. އެކަމުން އުނގެނި ހެޔޮ ބަދަލު ގެންނަން މަސައްކަތް ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިޒްރޭލާ އެކު ގުޅުން ބަދަހިކުރުމަކީ ގޯހެއް ކަމަށާއި ގުޅުން ބަދަހިކުރާ ގައުމުތަކާ މެދު ގައުމުތަކުން ދެކެނީ ނުރުހުމުގެ ލޮލަކުން ކަމަށެވެ. ހާއްސަކޮށް އިސްލާމީ ގައުމުތަކުން ދެކޭ ގޮތް ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އިޒްރޭލާ އެކު ގުޅުން ބަދަހި ކުރުމުގައި ފޮރުވިފައި އޮތް ބޭނުމަކީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ އަނިޔާތަކަށް އެއްޗެއް ނުބުނުން ކަމަށް ބިންކިރާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިޒްރޭލުން ފަލަސްތީނަށް ދޭ ކޮންމެ ގެއްލުމަކަށް ރުހިގެން ތިބުމަކީ ބޮޑު ޚިޔާނާތެކެވެ.
ސިޔާސީ އެއްވުމުގައި ފޯރި ހިއްޕެވުމަށް ބިންކިރާން ވިދާޅުވީ އިޒްރޭލާ ދެކޮޅަށް ޖިހާދަށް ދާނެ ކިތަންމެ ބަޔަކު މޮރޮކޯގައި ވެސް ތިބި ކަމަށާއި ބޭނުންވަނީ އެކަމަށް ހުއްދަ ކަމަށެވެ.
ބިންކިރާން ވިދާޅުވި ގޮތުގައި އިޒްރޭލާ ގުޅުން ބަދަހި ކުރުމުން މޮރޮކޯއަށް ލިބޭ ފައިދާއަށް ވުރެ ލިބޭ ގެއްލުން ބޮޑެވެ. މޮރޮކޯގައި އިޒްރޭލުގެ އެމްބަސީއެއް ހުޅުވިފަހުން މޮރޮކޯގެ ސިޔާސީ ކަންކަމަށް ފާޑުކިޔުން ނޫން ކަމެއް އިޒްރޭލު އެމްބަަސީން ނުކުރާ ކަމަށެވެ.
މޮރޮކޯގައި ސިޔާސަތު ކަނޑައެޅުމަކީ އިޒްރޭލަށް އޮތް ބާރެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ވެސް ބިންކިރާން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އިޒްރޭލާ ގުޅުން ބަދަހިކޮށްފައި އޮތް އޮތުމަކީ މޮރޯކޯއިން ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމެއް ކަމަށެވެ.