ރާއްޖެ ކުޅިވަރު

ކުޅުންތެރިންނަށް މިސްޓޭކް ހެދޭނެ، ޓީމު ނަގާނީ އެންމެ ފަހު ވަގުތު: ކޯޗު

ކޮންމެ ކުޅުންތެރިއަކީ ވެސް މިސްޓޭކް ހެދޭނެ މީހެއް ކަމަށާއި ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދިއުމަށް މާދަމާ އިންޑިޔާއާ ދެކޮޅަށް ކުޅޭ މެޗަށް ޓީމު ނަގާނީ އެންމެ ފަހު ވަގުތު ކަމަށް ރާއްޖޭގެ ކޯޗު ރިކީ ހާބަޓް ބުނެފި އެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު މިހެން ބުނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދުގެ ފަރާތުން ބޮޑެތި ގޯސްތަކެއް ހެދިފައިވާތީ ސުވާލުކުރުމުންނެވެ.

"ކޮންމެ ކުޅުންތެރިއަކަށް ވެސް މިސްޓޭކް ހެދޭނެ. އަހަރުމެން އެކަން ގަބޫލު ކުރަންޖެހޭނެ. ޓީމު އަހަރެން ފައިނަލް ކުރާނީ އެންމެ ފަހު ވަގުތު. އެއީ މިރޭ. އަހަރުމެން އުއްމީދު ކުރަން ފައިނަލްގައި ކުޅެން،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ އުޅުމާއި ޓީމަށް ދޭން ޖެހޭ އެހީތެރިކަން ބަރާބަރަށް ލިބެމުން އަންނަ ކަމަށާއި ހުރިހާ ކުުޅުންތެރިން ވެސް ތިބީ މެޗުން މޮޅުވާން ވަރަށް ފޯރީގައި ކަމަށެވެ.

"ޓީމު ތެރޭގައި ވަރަށް ރޫހު އެބައޮތް. ވަރަށް ފޯރީގައި ކުޅުންތެރިން ތިބީ މެޗުން މޮޅުވާން. އަހަރެންގެ ކުޅުންތެރިން ދައްކާފައިވާ ކުޅުމާމެދު ޝަކުވާއެއްނެތް. އިންޑިޔާގައި ކުޅެން ޖެހުމަކީ އިންޑިޔާ އަށް އެޑްވާންޓޭޖެއް. އެކަމަކު އަހަރުމެންނަށް މޮޅުވެވިދާނެ،" ކޯޗު ބުންޏެވެ.

މުބާރާޓުގެ ސެމީ އަށް ރާއްޖެ ދިޔައީ ބޫޓާނާއި ބަނގްލަދޭޝް 3-1 އިން ބަލިކޮށް، ގްރޫޕުގެ ފަހު މެޗުގައި އަފްގާނިސްތާން އަތުން 4-1އިން ބަލިވެގެން ގްރޫޕް ބީގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އިންޑިޔާ ބަލިކުރެވިއްޖެނަމަ ފައިނަލުގައި ރާއްޖެ ކުޅެން ޖެހޭނީ ލަންކާ އާއި އަފްގާނިސްތާން މެޗުން މޮޅުވާ ޓީމަކާ އެވެ.