އުރީދޫ

އުރީދޫ މަސްރޭސް ކާމިޔާބުކުރީ ސްޓެލްކޯ ކަނބަލުން

May 3, 2022

ކޮންމެ އަހަރެއްގެ ރޯދަ މަހު ބާއްވާ "އުރީދޫ މަސްރޭސް"ގެ 11 ވަނަ ސީޒަން ސްޓެލްކޯ ކަނބަލުން ކާމިޔާބުކޮށްފި އެވެ.

މަސްރޭހުގެ ފައިނަލުގައި ވާދަކޮށްފައި ވަނީ ސްޓެލްކޯ ކަނބަލުން، ޓީމް އެފްއެސްއެމް، ޓީމް ކެޔޮޅު ބައްޕީ އަދި ޓީމް ގޯޅިއަންސް އެވެ.

މިއަހަރުގެ އުރީދޫ މަސްރޭހުގެ ޗެމްޕިއަން ޓިމާއި، އެންމެ ބޮޑު މަސް، އެންމެ ގިނަ މަހުގެ އިތުރުން މޯސްޓް އެންގޭޖިން ޓީމް ވަނީ ހޮވާފަ އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ލިބުނު ސްޓެލްކޯ ކަނބަލުންގެ ޓީމަށް އިނާމުގެ ގޮތުގައި ލިބިފައިވަނީ 5000 ރުފިޔާ އާއި ޑީޓެކްގެ ފަރާތުން އެވިންރޫޑް 9.8ހފ އިންޖީނަކާއި، ހައި ފިޝިންގް ޓެކްލްސްގެ ފަރާތުން 10،290 ރުފިޔާގެ އަގުހުރި މަސްބާނާ ދޮށްޓެއްގެ އިތުރުން ލަޔާ ކެފޭގެ ފަރާތުން ޓީމަށް ދޭ ހާއްސަ ކެއުމެކެވެ.

މި މުބާރާތުގައި އެންމެ ބަރުމަސް ބާނާފައިވަނީ ޓީމް އާރްޑީސީގެ ޔާސިރު އެވެ. އޭނާ ބޭނި މަހުގައި 11.95 ކިލޯ ހުރި ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ. އޭނާއަށް ލިބުނު އިނާމުތަކަކީ 5،000 ރުފިޔާ، ސީރިއަސް އެންގްލާސްގެ ފަރާތުން އޯޝަންސް ލެގަސީ އެލެމެންޓަސް ޑިޕް ޖިގިން ދޮށްޓަކާއި، ހައި ފިޝިން ޓެކްލްސްގެ ފަރާތުން 4،850 ރުފިޔާގެ އަގުހުރި މަސްބާނާ ދޮށްޓެއްގެ އިތުރުން ކެޔޮޅު ރެސްޓޯރެންޓްގެ ފަރާތުން ދެ މީހުންގެ ކެއުމެކެވެ.

މަސްރޭހުގެ ފިރިހެން މަސްވެރިޔާއަށް ހޮވިފައިވަނީ ސްޓެލްކޯ ކަނބަލުން ޓީމުން 49 މަސް ބޭނި އަބްދުލް އަޒީޒް އެވެ. އޭނާއަށް އުރީދޫގެ ފަރާތުން 5،000 ރުފިޔާ، އޮބިއަންގެ ފަރާތުން އެކްސަސައިޒް ބައިކަކާއި، ހައި ފިޝިން ޓެކްލްސްގެ ފަރާތުން 4،850 ރުފިޔާގެ މަސްބާނާ ދޮށްޓެއްގެ އިތުރުން ކެޔޮޅު ރެސްޓޯރެންޓްގެ ފަރާތުން ދެ މީހުންގެ ކެއުން އިނާމުގެ ގޮތުގައި ލިބިފައިވެ އެވެ.

މި މުބާރާތުގެ މޯސްޓް އެންގޭޖިން ޓީމް ނުވަތަ އެންމެ ހިންގާލި ޓީމަކަށް ހޮވިފައި ވަނީ ޓީމް އެފްއެސްއެމް އެވެ. މި ޓީމަށް ރަންފައުންގެ ފަރާތުން ޕެނަސޮނިކް އޭސީއަކާއި، ކޮފީ ޝްރަބްގެ ފަރާތުން ޓީމަށް ތަރާވީސް ކެއުމެއް ލިބިފައިވެ އެވެ.

މޮޅުވި ޓީމު ކަމަށްވާ ސްޓެލްކޯ ކަނބަލުންނަށް 680.80 ޕޮއިންޓް ލިބިފައިވާއިރު، މިއަހަރުގެ އުރީދޫ މަސްރޭހުގެ ދެވަނަ ޓީމް ކަމަށްވާ އެފްއެސްއެމް ޓީމަށް ލިބިފައިވަނީ 191.05 ޕޮއިންޓެވެ. އަދި ތިންވަނަ ހޯދާފައިވާ ޓީމް ގޯޅިއަންސްއަށް ލިބިފައިވަނީ 178.85 ޕޮއިންޓެވެ.