ޕެންޝަން އޮފީސް

ޕެންޝަނަށް މިދިޔަ މަހު 131 މިލިއަން ރުފިޔާ

May 3, 2022
2

ޕެންޝަންގެ ގޮތުގައި ނިމިގެން ދިޔަ އޭޕްރީލް މަހު 131 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ.

ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން އެ އޮފީހުން ދޫކޮށްފައިވާ 131 މިލިއަން ރުފިޔާގެ ތެރެއިން 96 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ އަސާސީ ޕެންޝަންގެ ގޮތުގަ އެވެ. އަސާސީ ޕެންޝަން ހައްގުވާ 20،120 މީހުން ރަޖިސްޓްރީ ކޮށްފައިވެ އެވެ.

ދައުލަތުން ދޭ އިނާޔަތުގެ ގޮތުގައި ދައުލަތުގެ ވަޒީފާތަކުން ރިޓަޔާ ކޮށްފައިވާ 4،303 މީހަކަށް މިދިޔަ މަހު 21 މިލިއަން ރުފިޔާ ވެސް ދޫކޮށްފައިވެ އެވެ.

ރިޓަޔާމަންޓް ޕެންޝަންގެ ގޮތުގައި 1،645 މީހަކަށް އަށް މިލިއަން ރުފިޔާ އަދި ދައުލަތުގެ އެހެނިހެން ރިޓަޔާމަންޓް އިނާޔަތްތަކުގެ ގޮތުގައި 2،944 މީހަކަށް ފަސް މިލިއަން ރުފިޔާ ވެސް މިދިޔަ މަހު ދޫކޮށްފައިވެ އެވެ.

ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ވުޖޫދަށް ގެނެސްފައިވަނީ މެއި 13، 2009 ގައެވެ.

ޕެންޝަން އޮފީހުން ހަތަރު ބާވަތެއްގެ ޕެންޝަނަކަށް ފައިސާ ދޫކުރެ އެވެ. އެއީ 65 އަހަރުން މަތީގެ މީހުންނަށް ދޭ އަސާސީ ޕެންޝަނާއި، ދައުލަތުގެ ވަޒީފާތަކުން ރިޓަޔާ ކުރާ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތްތަކާއި، ވަޒީފާއިން ރިޓަޔާވުމުން ދޭ ޕެންޝަނުގެ އިތުރުން ދައުލަތުގެ އެހެނިހެން ރިޓަޔާމަންޓް އިނާޔަތްތަކެވެ.