ބޮލީވުޑް

އަޖޭ ދޭވްގަން - ލިފްޓަށް އަރަން ބިރުގަނޭ!

އަޖޭ ދޭވްގަން ދާދިފަހުން ވަނީ ޒީ-ޓީވީގެ ޑާންސް ރިއަލިޓީ ޝޯ "ޑީއައިޑީ ލިޓްލްސް މާސްޓާޒް"ގެ އެޕިސޯޑެއްގައި ބައިވެރިވެފަ އެވެ.

ބަތަލާ ރަކުލް ޕްރީތު ސިންގްއާ އެކު އަޖޭ މި ޝޯގައި ބައިވެރިވީ އޭނާގެ އާ ފިލްމު "ރަންވޭ 34" ޕްރޮމޯޓްކުރުމަށެވެ.

މި ޝޯގައި އަޖޭ އެއްބަސްވީ ގޮތުގައި އޭނާއަކީ ލިފްޓަށް އަރަން ބިރުގަންނަ (ލިފްޓް ފޯބިއާ) ހުންނަ މީހެކެވެ.

މި ފޯބިއާ ފެށުނު ގޮތް ވެސް އޭނާ ވަނީ ކިޔައިދީފަ އެވެ.

"މީގެ އެތައް އަހަރެއް ކުރިން އެއް ދުވަހަކު އަހަރެން ލިފްޓަކަށް އެރިން. އޭރު އެ ލިފްޓުގައި އިތުރު މީޙުން ވެސް ތިބި. ކުއްލިއަކަށް ލިފްޓް ހަލާކުވެ ތިން ވަނަ ބުރިން ބިންމައްޗަށް ވަރަށް ބާރަށް ވެއްޓުނީ. މިކަމުގެ ސަބަބުން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބުނު ނަމަވެސް ދޮޅުގަޑިއެއްހާއިރު އަހަރެމެން އޭގެ ތެރޭގައި ތާށި ވެފައި ތިބެން ޖެހުނު،" އަޖޭ ބުންޏެވެ.

އަޖޭ ބުނި ގޮތުގައި އެ ދުވަހަށްފަހު ލިފްޓަކަށް އަރަން ޖެހިއްޖެނަމަ އޭނާ ބިރުން ގޮސް ހަލާކުވާވަރު ވެއެވެ.

"މިހާރު ވެސް ލިފްޓަކަށް އަރަންޏާ އަހަރެން ހުންނަނީ ބިރުން. އެ ފޯބިއާ އެއް ފިލައިގެނެއް ނުދިޔަ،" އަޖޭ ބުންޏެވެ.