ބޮލީވުޑްގެ ފިލްމުތައް ނުހިނގާ އެތައް މަހެއް ފާއިތުވުމަށްފަހު ރިލީޒްކުރި "ޑްރިޝަން 2" ރަނގަޅަށް ހިނގައި އެންމެން ހައިރާންކޮށްލައިފި އެވެ.
ސައުތު އިންޑިއާގެ ފިލްމުތަކަށް ބޮޑު ކާމިޔާބެއް ލިބި ހިންދީ ފިލްމުތައް ފްލޮޕްވުމުގެ ސިލްސިލާއެއް ކުރިއަށް ދަނިކޮށް ރިލީޒްކުރި "ޑްރިޝަމް 2" މިހާރު ވެފައިވަނީ ގޭމް ޗޭންޖާ އަކަށެވެ.
މި ފިލްމު ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބެއް ހޯދަމުންދާއިރު ބެލުންތެރިންނާއި ކްރިޓިކްސް ވެސް ދައްކަނީ ފިލްމުގެ މޮޅު ވާހަކަތަކެވެ.
"ޑްރިޝަމް 2" އަށް ލިބެމުންދާ ކާމިޔާބީއަކީ އެ ފިލްމު އުފެއްދި ފަރާތުން އުންމީދުކުރި ވަރަށް ވުރެ މާބޮޑު ކާމިޔާބީ އެކެވެ. މިފަދަ ގޮތަކަށް ފިލްމުގެ ވިޔަފާރި ކުރިއަރައިގެން ހިނގައިދާނެ ކަމަކަށް ޚުދް އެމީހުން ވެސް އުއްމީދެއް ނުކުރެ އެވެ. ސަބަބަކީ ފާއިތުވީ ދުވަސްތަކުގައި މިފަދަ އެތަކެއް ފިލްމެއް ރިލީޒްކޮށް ނާކާމިޔާބު ވަމުން ގޮސްފައިވާތީ އެވެ. ބެލުންތެރިންނަށް ކަމުދާނީ ކޮން ކަހަލަ ފިލްމެއްކަން އޮޅޭ ހިސާބަށް ކަންތައްތައް ކޮށްފައިވާތީ އެވެ.
ފިލްމުގެ ޑައިރެކްޓަރު އަބީޝެކް ޕާތަކް އެންމެ ފަހުން އުފެއްދީ ސަނީ ސިންގް ބަތަލުގެ ބައި ކުޅެފައިވާ "އުޖުޅާ ޗަމަން" އެވެ. މި ފިލްމަށް ވެސް އެކަށީގެންވާ ކާމިޔާބެއް ނުލިބެ އެވެ. ޑައިރެކްޓަރު ބުނި ގޮތުގައި "ޑްރިޝަމް 2"އަށް ލިބެމުންދާ ކާމިޔާބީއަކީ ހުވަފެނަކުން ވެސް ފެނިފައިނުވާ ވަރުގެ ކާމިޔާބީއެއް ކަމަށެވެ.
"އަހަންނަށް އެނގޭ އަހަރެން މި ފިލްމު އުފެއްދުމުގެ މަސައްކަތް ކޮށްފައިވަނީ ތެދުވެރިކަމާއެކުގައި ކަން. އަދި މިއީ ރިމޭކެއް ނަމަވެސް މާބޮޑަށް އޮރިޖިނަލް ކޮޕީއެއް ނުކުރަން. އަހަރެންގެ ޓީމުގެ ހުރިހާ އެންމެން ވެސް ވަރަށް ބުރަ މަސައްކަތެއް ކުރި މި ފިލްމު ރަނގަޅު އެއްޗަކަށް ހަދަން. އެހެންވެ ފުރަތަމަ ދުވަހުގެ ކަލެކްޝަން ރަނގަޅުވާނެ ކަމަށް އުންމީދުކުރި. އެކަމަކު މިހާބޮޑު ކާމިޔާބީއެއް ޚިޔާލަށް ވެސް ނާދޭ،" ޑައިރެކްޓަރު ބުންޏެވެ.
"ޑްރިޝަމް 2" އަކީ ހަމަ މި ނަން ކިޔާ މެލެޔާލަމް ފިލްމެއްގެ ރިމޭކެކެވެ. ފިލްމު ރިލީޒްކުރި ހަފުތާ ބަންދުގެ ތިން ދުވަސް ތެރޭގައި ވެސް 70 ކްރޯޑަށް ވުރެ ގިނައިން ފިލްމަށް ލިބިފައި ވެއެވެ. އޭގެ ފަހުން ފާއިތުވީ ދުވަސްތަކުގައި ވެސް ފިލްމުގެ ހިނގުން ދިޔައީ ބާރު ވަމުންނެވެ. އެހެންވެ ފިލްމު ދައްކާ ސިނަމާތައް އިތުރުކޮށް ޝޯތައް ވެސް އިތުރު ކޮށްފައި ވެއެވެ.
"ޑްރިޝަމް 2"ގެ ތަރިންނަކީ އަޖޭ ދޭވްގަން އާއި ތައްބޫ އެވެ. އަދި ޝްރިޔާ ސަރަން އާއި އަކްޝޭ ކަންނާ ވެސް މި ފިލްމުގައި މުހިއްމު ރޯލުތަކެއް ކުޅެފައި ވެއެވެ.