އަޖޭ ދޭވްގަންގެ "ބޯލާ" މީގެ ދެ ދުވަހެއް ކުރިން ރިލީޒް ކޮށްފައިވާއިރު ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ހޯދުމަށް މި ފިލްމަށް ވަނީ ނުކުޅެދިފަ އެވެ.
ތައްބޫ އާއި އަމާލާ ޕޯލް އަދި ލަކްޝްމީ ރާއީ އާއެކު އަޖޭ ކުޅެފައިވާ މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ވެސް އޭނާ އެވެ.
"ބޯލާ" ރިލީޒްކުރި ފުރަތަމަ ދުވަހު 10 ކްރޯޑު ލިބުނެވެ. މިއީ ވެސް އުންމީދުކުރި ވަރަށް ވުރެ ދަށް އަދަދެކެވެ. ނަމަވެސް އެންމެ ބޮޑު ޝޮކެއް ލިބުނީ ޖެހިގެން އައި ދުވަހު ފިލްމުގެ ވިޔަފާރި 35-40 ޕަސެންޓް ދަށްވީމަ އެވެ. އެ ދުވަހު ލިބިފައިވަނީ 6-6.5 ކްރޯޑެވެ.
ހަފުތާ ބަންދުގައި ފިލްމު ބަލަން އެކަށީގެންވާ އަދަދަކަށް މީހުން ވަދެއްޖެނަމަ "ބޯލާ" ފްލޮޕް ވުމުން ސަލާމަތްވުމުގެ އުންމީދު އެބަ އޮތެވެ.
ނަމަވެސް އެއީ 40-45 ޕަސެންޓްގެ ކުރިއެރުމެއް ފިލްމުގެ ވިޔަފާރިއަށް ލިބިގެން ނޫނީ ވާނެ ކަމެއް ނޫނެވެ.
އިންޑިޔާގައި ހިންދީ ފިލްމުތައް އެންމެ ރަނގަޅަށް ހިނގަނީ މުމްބައި ފަދަ ރަށްތަކުގައި ކަމަށް ވެފައި ރަމަޟާން މަހު ފިލްމު އެޅުވުން ވެސް މިއީ އަޖޭ މެން އެޅި ޅަ އެއްޗެކެވެ. ސަބަބަކީ މުމްބައި އަކީ މުސްލިމުން ގިނަ ރަށަކަށް ވެފައި ރޯދަ މަހު މުސްލިމް އާއްމުކޮށް ފިލްމު ބަލަން ސިނަމާތަކަށް ނުދާތީ އެވެ.
"ބޯލާ" ބެލި މީހުން ބުނާ ގޮތުގައި ފިލްމަކީ ބަލާލަން ރަނގަޅު ފިލްމެކެވެ. ނަމަވެސް ކްރިޓިކްސްގެ ޚިޔާލު މި ފިލްމާ ގުޅޭ ގޮތުން ވަރަށް މަސްހުންޏެވެ. އެއްބަޔަކު ރަނގަޅޭ ބުނެ 3.5 ތަރި ދިން އިރު އަނެއް ބަޔަކު ދިނީ ދެ ތަރި އެވެ.
"ބޯލާ" އަކީ އަޖޭ ޑައިރެކްޓްކުރި ހަތަރު ވަނަ ފިލްމެވެ. މީގެ ކުރިން އޭނާ ޑައިރެކްޓްކުރި ފިލްމުތަކަކީ 2008ގައި ރިލީޒްކުރި "ޔޫ މީ އައުރު ތުމް" އާއި 2016 ގައި ރިލީޒްކުރި "ޝިވާ" އަދި 2022ގައި ރިލީޒްކުރި "ރަންވޭ 34" އެވެ.
މި އަހަރުގެ ތިން މަސް ފާއިތުވެފައިވާއިރު މި މުއްދަތުގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ކާމިޔާބު ލިބިފައިވަނީ އެންމެ ދެ ފިލްމަށެވެ. އޭއީ ޝާހް ރުކް ޚާނާއި ދީޕިކާ ޕަދުކޯންގެ "ޕަތާން" އާއި ރަންބީރު ކަޕޫރާއި ޝްރައްދާ ކަޕޫރުގެ "ތޫ ޖޫޓީ މައި މައްކާރް" އެވެ. މީގެ ތެރެއިން "ޕަތާން" ވަނީ 1000 ކްރޯޑަށް ވުރެ ގިނައިން ހޯދައި ރެކޯޑް ހަދާފަ އެވެ. "ތޫ ޖޫޓީ މައި މައްކާރް"ވެސް 100 ކްރޯޑަށް ވުރެ މަތިން ހޯދާފައި ވެއެވެ.