މިނިސްޓްރީ އޮފް އެޑިއުކޭޝަން

ގުރުއާނާބެހޭ މަރުކަޒުގެ ޓީޗަރުންގެ މުސާރަވެސް ބޮޑުވާނެ

‏ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޓީޗަރުންނެކޭ އެއްގޮތަށް ކީރިތި ގުރްއާނާއި ބެހޭ ގައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް "ދައުލަތުގެ ޕޭ ފްރޭމް ވާކް" އަށް ބަދަލުކުރަން ނިންމަވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކޮށް އެކަން ރައީސް ސޯލިހް އިއުލާނު ކުރައްވާފައިވަނީ އާދިއްތަ ދުވަހު އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޓީޗަރުންނެކޭ އެއްގޮތަށް ކީރިތި ގުރްއާނާއި ބެހޭ ގައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް މޭ 1، 2022 އިން ފެށިގެން "ދައުލަތުގެ ޕޭ ފްރޭމް ވާކް" އަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މުސާރަ ބޮޑުކޮށް ގެނައި ބަދަލާއެކު ގިނަ ޓީޗަރުންގެ މުސާރަ 20،000 ވުރެ ބޮޑު ވާނެ އެވެ. އަދި ރޭންކު ކުރެވިފައިވާ ގޮތުން ޕްރިންސިޕަލުންނާއި ޑެޕިއުޓީންނަށް ކުރީގެ މުސާރައަށް ވުރެ އެތައް ގުނައެއް ބޮޑު މުސާރައެއް ލިބޭނެ އެވެ.

އެގޮތުން ރޭންކް އެކެއްގައި ހިމެނޭ ޕްރިންސިޕަލުންނަށް 29،445 ރުފިޔާގެ ލިބޭނެ އެވެ. ކުރީން ލިބެމުން އައީ 16،214 ރުފިޔާ އެވެ. މިއީ 82 ޕަސެންޓްގެ ކުރިއެރުމެވެ.

ރޭންކް ދޭއްގައި ހިމެނޭ ޕްރިންސިޕަލުންނަށް 31،816 ރުފިޔާގެ ލިބޭނެ އެވެ. ކުރީން ލިބެމުން އައީ 20،049 ރުފިޔާ އެވެ. މިއީ 59ޕަސެންޓްގެ ކުރިއެރުމެވެ. އަދި ރޭންކް ތިނެއްގައި ހިމެނޭ ޕްރިންސިޕަލުންނަށް 34،103 ރުފިޔާ ލިބޭނެ އެވެ.

ރޭންކް އެކެއްގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންނަށް 22،273 ރުފިޔާ ލިބޭއިރު ރޭންކް ދޭއްގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންނަށް 24،941 ރުފިޔާ ލިބޭނެ އެވެ. އަދި ރޭންކް ތިނެއްގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންނަށް 27،590 ރުފިޔާ ލިބޭނެ އެވެ. މިއީ 78 ޕަސެންޓާއި 54 ޕަސެންޓާ ދެމެދުގެ ކުރިއެރުމެކެވެ.

އަމީރު ވިދާޅުވީ ޕްރިންސިޕަލުންގެ މުސާރައަށް އައި ބަދަލާއެކު އަހަރު 31.3 މިލިއަން ރުފިޔާ އަދި ޑެޕިއުޓީންގެ މުސާރައަށް އައި ބަދަލާއެކު 4.4 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށެވެ. ޓީޗަރުންގެ މުސާރައަށް އައި ބަދަލާއެކު 419.6 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.