ބޮލީވުޑް

ބޮލީވުޑުން ޖެކްލީން އެއްފަރާތް ކޮށްލީތަ؟

ސްރީލަންކާގެ ރީތީގެ ރާނީ ޖެކްލީން ފެނާންޑިސްގެ ބޮލީވުޑް ކެރިއަރު މިހާތަނަށް ވެސް ކުރިޔަށް ގޮސްފައިވަނީ ވަރަށް އޮމާން ކޮށެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ ކުރިއެރުމަށް ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ. އޭނާ ދަތުރުކުރަމުން ދިޔަ މަގުގައި ހުރި ހުރަސްތައް ގިރާ ނުކުރެވި ކުރިއެރުން ހުއްޓިއްޖެ އެވެ. މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމާއި މަނީ ލޯންޑަރިންގެ ތުހުމަތުުކުރެވޭ މީހަކާ ބޭއްވި ލޯބީގެ ގުޅުމެއްގެ ސަބަބުންނެވެ. އެމީހާ ދިން އަގުބޮޑު ހަދިޔާތަކުގެ ބޭނުން ކޮށްގެންނެވެ.

އިންޑިއާގެ އެންފޯސްމަންޓް ޑައިރެކްޓޮރޭޓް (އީޑީ) އަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ސުކޭޝް މީހުންނަށް އޮޅުވާލައި މަކަރާއި ހީލަތުން ފައިސާ ހޯދައި މަނީ ލޯންޑަރިން ފަދަ ކަންތައްތައް ކުރަމުންދިޔަ ސުކޭޝް ޗަންދުރަޝޭކަރް ކިޔާ މީހަކު ދިން 7.27 ކްރޯޑު ރުޕީސްގެ އަގުހުރި މުދަލާއި ފައިސާ ޖެކްލީން އަމިއްލަ ހަރު މުދަލުގެ ތެރޭގައި ހިމެނެ އެވެ. މި މީހާ އާއި ޖެކްލީން އާއި ގުޅުން އޮތްކަން ހާމަވުން ވެގެން ގޮސްފައިވަނީ ޖެކްލީންގެ ފިލްމީ ކެރިއަރަށް އެރި ވަރަށް ބޮޑު ލޮޅުމަކަށެވެ. އަދި އެ ކެރިއަރު ފުނޑުފުނޑުކޮށްލާވަރުގެ ލޮޅުމަކަށް މިކަން ވެދާނެކަމުގެ ހުރިހާ ހެއްކެއް މިހާރު ދަނީ ފެންނަމުންނެވެ.

އީޑީ އިން ޖެކްލީން އާ ތަކުރާރުކޮށް ސުވާލުކޮށް ހަދަން ފެށުމުން ބޮލީވުޑް ފިލްމުތައް އުފައްދާ މީހުން ޖެކްލީން އާ ފެޔަށް ވަނީ ޖެހިލާފަ އެވެ. އެމީހުން މިހާރު ތިބީ ޖެކްލީން އަށް ވާ ގޮތެއް ބަލާށެވެ. މި މައްސަލައިގައި ޖެކްލީން ނުބެދި ސަލާމަތް ވެއްޖެނަމަ އަލުން ފިލްމުތައް ދޭގޮތަށެވެ. ނޫންނަމަ ޖެކްލީން މަތިން ހަނދާން ނައްތާލުމަށެވެ.

މި މައްސަލައިގައި ޖެކްލީން ކުށްވެރި ނުވެ ސަލާމަތް ވެދާނެކަމަށް ޕްރޮޑިއުސަރުންނަށް ހީވިޔަސް މުޅީން ސަލާމަތް ނުވަނީހެއް އެއްވެސް ފިލްމެއް ކުޅެން ދޭކަށް އެމީހުން ތައްޔާރެއް ނޫނެވެ.

ޖެކްލީންގެ އެންމެ ފަހުގެ ދެ ރިލީޒް ކަމަށްވާ "ބައްޗަން ޕާންޑޭ" އާއި "އެޓޭކް" އަށް ބޮކްސް އޮފީހުގައި އެދެވޭ ކާމިޔާބެއް ނުލިބުނެވެ. "ބައްޗަން ޕާންޑޭ"ގެ ބަތަލަކީ އަކްޝޭ ކުމާރެވެ. "އެޓޭކް"ގެ ބަތަލަކީ ޖޯން އަބްރަހަމް އެވެ. މި ދެ ފިލްމުގައި ވެސް ޖެކްލީން ކުޅެފައިވަނީ އޭނާގެ ހަގީގީ ހަޔާތުގައި މިހާރު ދިމާވެގެން އުޅޭ ކަންކަމާ ވަރަށް ގުޅޭ ކެރެކްޓާ ތަކެކެވެ.

މި ދެ ފިލްމުގެ ނާކާމިޔާބީގެ ޒިންމާވެސް ފިލްމު އިންޑަސްޓްރީގެ މީހުން އަލުވަނީ ޖެކްލީންގެ ބޮލުގަ އެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި މިހާތަނަށް ވަރަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އަކްޝޭ އާއި ޖޯންގެ މި ދެފިލްމު ނާކާމިޔާބުވީ ޖެކްލީންގެ ސަބަބުންނެވެ. އޭނާ ބަދުނާމުވެފައިވާ މިންވަރުން ބެލުންތެރިން އޭނާގެ ފިލްމުތައް ބަލަން ބޭނުން ނުވެގެންނެވެ.

ޖެކްލީން އާއެކު ކުރިން މަސައްކަތް ކޮށްފައިވާ ޑައިރެކްޓަރަކު ބުނި ގޮތުގައި ޖެކްލީންގެ ފިލްމީ މުސްތަގްބަލް އެހާ ރަނގަޅެއް ނޫނެވެ.

"ވަރަށް ހިތާމައާއެކު އަހަންނަށް ބުނެވޭނީ ޖެކްލީންގެ ކެރިއަރު މިހާރު އެހާ އުޖާލާއެއް ނޫނޭ. ގާނޫނީ ގޮތުން ޖެކްލީން އަށް ކުރިމަތިވެފައިވާ މައްސަލަތަކުން އޭނާއަށް އެހާ ފަސޭހައިން އަރައިގަނެވޭނެކަމަކަށް ނުބެލެވޭ. ކިރިޔާ ވެސް މައްސަލައެއް އުޅޭނަމަ ނުވަތަ އެކްޓަރަކަށް މައްސަލައެއް ދިމާވެގެން އުޅޭނަމަ އެމީހަކާ ދުރުގައި ތިބުމަކީ އިންޑަސްޓްރީން އަބަދުވެސް ކުރާ ކަމެއް. ޖެކްލީންގެ ފަހުގެ ދެ ފިލްމު ބޮކްސް އޮފީހުގައި ވަނީ ބޮމެއް ހެން ގޮވާފަ. އެ ދެ ފިލްމުގެ ނާކާމިޔާބުން އެ ދެ ފިލްމުގެ ބަތަލުންގެ ކެރިއަރަށް ވެސް ވަނީ ލޮޅުން އަރާފަ. ޖެކްލީން އަތުގައި މިހާރު އޮތީ ރަންވީރު ސިންގް އާއެކު ކުޅޭ "ސާކަސް" އާއި އަކްޝޭ އާއެކު ކުޅޭ 'ރާމް ސެތޫ". މިހާރު ލަފާ ކުރެވޭ ގޮތުގައި އެ ދެ ފިލްމު ޖެކްލީން އަތުން އަތުގައި އެހެން ބަތަލާއަކަށް ދޭނެ. ނުވަތަ ޖެކްލީންގެ ރޯލު ވީހާވެސް ކުޑަކޮށްލާނެ،" ނަން ނުޖަހަން ޝަރުތުކޮށް ޑައިރެކްޓަރު ކިޔައިދީފައި ވެއެވެ.

މިހާރު ބޮލީވުޑްގައި ޖެކްލީން އާއެކު ހުރީ އޭނާގެ މެންޓާއެއް ކަމަށް ބެލެވޭ ސަލްމާން ޚާން އެކަންޏެވެ. ސަލްމާންގެ ޕާޓީތަކާއި އިވެންޓުތަކުގައި އަދިވެސް ޖެކްލީން ބައިވެރި ކުރެ އެވެ. ނަމަވެސް ސަލްމާންގެ ފިލްމެއް ދެން ޖެކްލީން އަށް ދީފާނެ ކަމާ މެދު ޝައްކެވެ. އެންމެ ފަހުން ސައޫދީ އަރަބިޔާގެ ރިޔާދުގައި ސަލްމާން ބޭއްވި "ދަ=ބަންގް" ކޮންސެޓުގައި ވެސް ޖެކްލީން ބައިވެރިވާ ގޮތް އޮތެވެ. ނަމަވެސް އެންމެ ފަހު އޭނާގެ ބަދަލުގައި ގެންދިޔައީ އެހެން ބަތަލާ އެކެވެ.

މީގެ އިތުރުން ޖެކްލީން އަށް ލިބިފައިވާ ތެލުގޫ ބޮޑު-ބަޖެޓް ފިލްމުން ވެސް މިހާރު އޭނާ ދުރުކޮށް އެހެން ބަތަލާއަކަށް ފިލްމު ވަނީ ދީފަ އެވެ. އަދި ސަލްމާންގެ "ކިކް 2"ގެ ބަތަލާ އަކަށް ޖެކްލީން ހަމަޖައްސާފައި އޮވެފައި ކުއްލިއަކަށް އެ ފިލްމުން ވެސް އޭނާ ވަނީ ދުރުކޮށްފަ އެވެ.

މިހާރު ޖަލުގައި ހުރި ސުކޭޝް މިއަހަރު ފެށުނުތާ މީޑިއާ ތަކަށް ފޮނުވި ސިޓީއެއްގައި ޖެކްލީން އާއި އޭނާގެ ޚާއްސަ ގުޅުމެއް އޮންނަ ކަމަށާއި ޖެކްލީން އަށާއި އާއިލާއަށް އަގުހުރި ހަދިޔާތައް ދީފައިވާނެކަމަށް ބުނެފައި ވެއެވެ.

"އަހަރެން ވަރަށް ގިނަ ހަދިޔާތައް އޭނާ އާއި އާއިލާ އަށް ދީފައިވާނެ. އެއީ ލޯބިވެރިންނަށް މީހުން އާންމުކޮށް ހަދިޔާ ދޭ އުސޫލުން ދީފައިވާ ތަކެތި. އެކަން އެހާ ބޮޑު ކަމަކަށް ހަދައިގެން އުޅެން ޖެހޭ ސަބަބެއް ނޭނގޭ. އަދި ޖެކްލީން އަށް ދީފައިވާ އަގުބޮޑު ތަކެތި ގަނެފައިވަނީ އެއްވެސް ގާނޫނާ ޚިލާފުކަމެއް ކޮށްގެން ނޫންކަމަށާއި އެއީ އޭނާގެ މަސައްކަތުން ހޯދާފައިވާ ހަލާލު ފައިސާ ކަމަށް ސުކޭޝް ބުނެފައި ވެއެވެ.