ބޮލީވުޑް

އިންޑިއާއިން ފިލައިގެން ދާން އުޅޭކަމުގެ ތުހުމަތު ޖެކްލީން އަށް

ބޮލީވުޑް ބަތަލާ ޖެކްލީން ފެނާންޑިސް އަންނަ ނޮވެމްބަރު 10 ވަނަ ދުވަހާ ހަމައަށް ކަފާލާތުގެ ދަށުން މިނިވަންކޮށްފައި ބެހެއްޓުމަށް އިންޑިއާގެ ކޯޓަކުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ނިންމާފަ އެވެ. އެއީ ދިއްލީގައި ހުންނަ ކޯޓަކަށް ހޮނިހިރު ދުވަހު ޖެކްލީން ހާޒިރުވާން އަންގައި އޭނާ އެ ކޯޓަށް ހާޒިރުވުމުންނެވެ.

ވަރަށް ގިނަ މީހުންނަށް އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދާފައިވާކަމުގެ ތުހުމަތުގައި މިހާރު އިންޑިއާ ޖަލަކަށް ލާފައި ހުރި ސުކޭޝް ޗަންދުރަޝޭކަރް ނަމަކަށް ކިޔާ މީހަކާ ޖެކްލީން އާއި ޚާއްސަ ގުޅުމެއް އޮންނަ ކަމަށާއި އެމީހާ ދިން އަގުބޮޑު ކާރާއި އަލިމަހުގެ ހާރުތައް އަދި އެތައް ކްރޯޑު ރުޕީސް އެއް ޖެކްލީން ހިފާފައިވާ ކަމަށް އޭނާގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ޖެކްލީންގެ މައްސަލަ ބަލަނީ އިންޑިއާގެ އެންފޯސްމަންޓް ޑިރެކްޓޮރޭޓް (އީޑީ) އިންނެވެ.

އެ އޮތޯރިޓީން ކޯޓުގައި ބުނި ގޮތުގައި ޖެކްލީން އަތުގައި ގިނަ އަދަދެއްގެ ފައިސާ ހުރުމުން އޭނާއަށް ހެއްކަށް ނުފޫޒު ފޯރުވައި އެ ނައްތާލުމުގެ ބާރު ލިބިގެންވެ އެވެ. އަދި ޖެކްލީން އިންޑިޔާއިން ފިލަން ވަރަށް މަސައްކަތްކޮށްފައިވާ ކަމަށްވެސް އީޑީ އިން ކޯޓުގައި ބުނެފައިވެ އެވެ.

އީޑީ އިން އިތުރަށް ބުނެފައިވާ ގޮތުގައި އެފަރާތުން ކުރަމުންދާ ތަހުގީގަށް ޖެކްލީން އެއްބާރުލުމެއް ނުދެ އެވެ.

ފުރިހަމަ ހެއްކާއެކު ސުވާލުކުރުމުން ޖަވާބު ދޭން މަޖުބޫރުވެގެން އެއްޗެކޭ ބުނުމުން ފިޔަވައި އެއްގޮތަކަށް ވެސް ޖެކްލީން އެއްވެސް މައުލޫމާތެއް ނުދޭ ކަމަށްވެސް އީޑީން ބުނެފައިވެ އެވެ.

ޖެކްލީން އާއި ސުކޭޝް ފުރަތަމަ ފަހަރަށް ބައްދަލުވިތާ 10 ދުވަސް ތެރޭގައި ޖެކްލީން އަށް ސުކޭޝް އަކީ ޖިނާއީ މައްސަލަތަކަކަށް އަރައިގެންފައިވާ ބޮޑު ކުށްވެރިއެއްކަން އެނގުނު ކަމަށް އޭނާ އަށް ކުރާ ތުހުމަތުތަކުގައި ބުނެފައިވެ އެވެ. ނަމަވެސް ސުކޭޝްއާ ގުޅުން ދެމެހެއްޓީ ޖެކްލީން އަށް އެކަން އެނގިހުރެ ކަމަށްވެސް ތުހުމަތުގައިވެ އެވެ.

ޖެކްލީންގެ ކެރިއަރަށް ބަލާއިރު މިހާރު އޭނާ ބުރަކޮށް މަސައްކަތް ކުރަނީ އަކްޝޭ ކުމާރާ އެކު ކުޅުނު "ރާމް ސެތޫ" ރިލީޒްކުރާ ދުވަސް ކައިރިވާތީ އެ ފިލްމު ޕްރޮމޯޓް ކުރުމުގަ އެވެ. ދިއްލީ ކޯޓަށް އޭނާ ހާޒިރުވީ ފިލްމުގެ ޕްރޮމޯޝަން މަސައްކަތުން ވަގުތު ހުސްކޮށްގެންނެވެ.