އެމްއެމްޕީއާރްސީ

ރާއްޖެ އިޝްތިހާރުކުރަން އިނގިރޭސި މީޑިއާ ޓީމެއް

May 4, 2022

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ ފެމިލިއަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން އިނގިރޭސިވިލާތުގެ މަޝްހޫރު ނޫސް އެޖެންސީ ތަކުގައި މަސައްކަތް ކުރާ މީހުންގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

އެމްއެމްޕީއާރްސީން މި ޓީމު ރާއްޖެ ގެނެސްފައި މިވަނީ ރަޝިއާ-ޔޫކްރޭން ހަނގުރާމަ އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި އެމްއެމްޕީއާރުސީން އެކުލަވާލާފައިވާ ޝޯޓް ޓާމް ސްޓްރެޓަޖީގެ ދަށުން ރާއްޖެއަށް މުހިއްމު މާކެޓްތަކުގައި ކުރިއަށް ގެންދާ ހާއްސަ ހަރަކާތްތަކުގެ ބައެއްގެ ގޮތުގަ އެވެ.

އިނގިރޭސިވިލާތުން ރާއްޖެ އައި މީޑިއާ ޓީމުގައި ހިމެނެނީ ހެލޯ މެގަޒިން، ދަ ސަން، އެބައުޓް ޓައިމް، ސަންޑޭ މެއިލް އަދި ހައުސް އޮފް ކޯކޯ މެގަޒިންގެ ފަންނީ މީހުންނެވެ.

އިނގިރޭސި މީޑިއާ ޓީމު މި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހަރަކާތްތެރިވާނެ އެވެ.

މި ޓީމުގެ މީހުން ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށް އެތަންތަނުން ލިބޭ މެހްމާންދާރީއާއި، ހިދުމަތްތައް ތަޖުރިބާކޮށް ތަފާތު ވައްތަރުގެ ކެއުންތަކަށް އިންސާފު ކުރާނެ އެވެ.

މި ޓީމުގެ މީހުން އެނބުރި އިނގިރޭސިވިލާތަށް ގޮސް އެ މީހުން މަސައްކަތް ކުރާ ނޫސްތަކާއި ސޯޝަލްމީޑިއާގެ ވަސީލަތްތަކުގައި ރާއްޖޭގެ މައުލޫމާތާއި ހަބަރުތައް ހިއްސާކުރުމުން އިނގިރޭސިވިލާތުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެ ނަންބަރުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ބާރަކަށް ވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

އިނގިރޭސިވިލާތަކީ މިވަގުތު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 560،996 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މީގެތެރެއިން 73،107 ފަތުރުވެރިންނަކީ އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނެވެ.