ރައީސް އަބްދުﷲ ޔާމީން

މާލޭ ސަރަހައްދަށް ޒުވާނުން ހިޖުރަކޮށްފިނަމަ ބްރިޖް ކާމިޔާބުވީ: ރައީސް

މާލޭ ސަރަހައްދަށް ކުދި ރަށްތަކުގެ ޒުވާނުން އަމިއްލަ އިހުތިޔާރުގައި ހިޖުރަކޮށްފިނަމަ މާލެއާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ ކާމިޔާބުވެގެން ދިޔައީ ކަމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ބްރިޖްގެ ސަބަބުން ބޮޑު ތަރައްގީއެއް ލިބިގެންދާނެ ކަމަށާއި ހުޅުމާލެ ފުރިހަމަވެގެންދާނީ ބްރިޖްގެ މަސައްކަތް ނިމުމުން ކަމަށެވެ. ޒުވާނުންނަށް ބިނާކޮށްދޭ ޔޫތް ސިޓީއަށް ދުރު ރަށްރަށުގެ ޒުވާނުންނާއި ކުދި ރަށްރަށުގެ ޒުވާނުން މާލޭ ސަރަހައްދަށް އަމިއްލަ އިހުތިޔާރުގައި ހިޖުރަކުރުމުން ބުރިޖް ކާމިޔާބުވެގެން ދިޔައީ ކަމަށް ރައީސް ވިދާޅުވިއެވެ.

ޒުވާނުންނަށް އާމްދަނީ ލިބޭނީ މާލޭ ސަރަހައްދުން ކަމަށްވާތީ، މާލޭ ސަރަހައްދަށް ޒުވާނުން ހިޖުރަކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭރުން ކޮންމެ ރަށެއްގެ މީހުންނަށް ގެ އަޅައިދީ، ތަޅުދަނޑި ހަވާލުކުރާ ހިސާބަށްދާން ނުޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތުން އިރާދަކުރެއްވީ އުއްމީދީ މަސައްކަތެއް ކުރެވެން އޮތީ މާލޭ ސަރަހައްދުގައި ކަމަށް ގަބޫލުކުރެވިގެން މަސައްކަތްތަށް ޝައުގުވެރިވާ ބަޔަކަށް ވެގެން މި ސަރަހައްދަށް ހިޖުރަކޮށްފިނަމަ ބްރިޖް ކާމިޔާބުވީ،" އެހެންވެއްޖެނަމަ އަންނަ އޮތް ސަރުކާރުތަކަށް ބަޖެޓް ބެލެންސް ކުރަން ފަސޭހަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ބްރިޖްގެ މަސައްކަތްތަކީ އިރާދަކުރެއްވިއްޔާ ނިމިފައިވާ ކަމެއް، އަޅުގަނޑުމެންނަށް މިރޭ މިލިބެނީ އުއްމީދުތަކެއް، ޒުވާނުންނަށް އުއްމީދުތަކެއް، ޒުވާނުންގެ ހުވަފެންތަކެއް ހަގީގަތަކަށް ހެދިގެންދާނެ އެތައް ކަމެއް،" ރައީސް ވިދާޅުވިއެވެ. "ބްރިޖް ހުޅުވޭނެ ކަމަށް މި ބެލެވެނީ 2018 ގައި ތެރޭގައި، ބްރިޖްގެ ސަބަބުން ދިވެހިރާއްޖޭގެ ވެއްޓަށް ބަދަލުތަކެއް އަންނާނެ، ދިވެހި ޒުވާނުންގެ ހަމަޖެހުމަށް މީގެ ސަބަބުން އިޖްތިމާއީ ފޭރާމަށް އިޖުތިމާއީ ގުޅުމަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމާމެދު އެއްވެސް ބޭފުޅަކު ޝައްކު ނުކުރައްވާ،"

ރައީސް ޔާމީން ވިދާޅުވީ، ބްރިޖްގެ މަސައްކަތްތަކީ ލޭންޑް މަސައްކަތެއް ކަމަށާއި ބްރިޖަކީ މިހާރުގެ ޖީލާއި އިހުގެ ޖީލާ ގުޅުވައިދޭ ބްރިޖެއް ކަމަށެވެ. ދިވެހި ޒުވާނުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭނީ ބްރިޖް އެޅިގެން ކަމަށް ޗައިނާގެ ރައީސްއަށް ދެންނެވި ކަމަށާއި ބްރިޖްގެ މަސައްކަތަށް ޗައިނާގެ ރައީސް އެއްބަސްވުމަކީ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް ކަމަށެވެ.

ރައީސް ޔާމީން ވަނީ ބްރިޖަކީ އެތަކެއް އުއްމީދުތަކެއް ގުޅިފައިވާ ބްރިޖެއް ކަމަށް ވިދާޅުވެފައެވެ. އަދި ހުރިހާ އުމުރެއްގެ ފަރާތްތަކަށް ބިނާކޮށްދޭ މި ބްރިޖަކީ ރާއްޖޭގައި ގާއިމުކުރެވިގެންދާނެ އެންމެ ބޮޑު ބިނާ ކަމަށް ވިދާޅުވިއެވެ.