ދުނިޔެ

އިސްތިއުފާ ދޭކަށް ރައީސް ނާންގަވާ: މަހިންދަ

ލަންކާއަށް އިގުތިސޯދީ ގޮތުން ދިމާވެފައި އޮތް ދަތި ހާލަތުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތެއް ނުފެނިގެން އުޅެނިކޮށް ކުރިމަތިވި ސިޔާސީ ހަމަނުޖެހުންތަކާ ހެދި ސަރުކާރަށް ވަނީ އިސްތިއުފާ ދޭން ޖެހިފަ އެވެ.

ގައުމަށް ދިމާވެފައި އޮތް ހާލަތަކީ ސަރުކާރު ހިންގުން ދޯހަޅިވުމުން ދިމާވެފައި އޮތް ހާލަތެއް ކަމަށް ބުނެ އާންމުން މަގުތަކަށް ނުކުމެ ފެށި އެއްވުންތައް މުޒާހަރާތަކަށް ބަދަލުވެ ދަނީ ބޮޑެތި ހަމަނުޖެހުންތައް ހިންގަމުންނެވެ.

މުޒާހަރާކުރާ މީހުން ސަރުކާރަށް ހުށަހަޅާފައި އޮތް ޝަރުތަކީ ސަރުކާރު އިސްތިއުފާ ދީފައި ރާޖަޕަކްސަ އާއިލާއަށް ނިސްބަތްވާ ހުރިހާ މީހުން ސަރުކާރުން ވަކިވުމެވެ.

އެހެން ނަމަވެސް، ބޮޑުވަޒީރު މަހިންދާ ރާޖަ ޕަކްސަ ވިދާޅުވަނީ ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވީ ރައީސް ކަމަށާއި އިސްތިއުފާ ދެއްވަން ރައީސް ވިދާޅު ނުވާ ކަމަށެވެ.

މަހިންދާ ރާޖަ ޕަކްސަ ވިދާޅުވި ގޮތުގައި ގައުމަށް އެންމެ ރަނގަޅު ގޮތަކީ ބޮޑުވަޒީރު އިސްތިއުފާ ދެއްވުން ކަމަށް ވާނަމަ ހުންނެވީ އިސްތިއުފާ ދެއްވަން ތައްޔާރަށެވެ.

"ރައީސް އެދިވަޑައިގެންފި ނަމަ އިސްތިއުފާދީފައި ސަރުކާރު ދޫކޮށްލަން ތައްޔާރު" މަހިންދާ ރާޖަ ޕަކްސަ ވިދާޅުވި އެވެ. "އެކަމަކު ރައީސްގެ ފަރާތުން އެކަހަލަ އަމުރެއް އަދި ނާދޭ"

ލަންކާގެ އިދިކޮޅު ޕާޓީތަކުން ސަރުކާރަށް ހުށަހަޅާފައި އޮތް ހުށަހެޅުމަކީ ޝަރަފުވެރި ގޮތުގައި ބޮޑުވަޒީރު އިސްތިއުފާ ދެއްވައި، ސަރުކާރު އުވާލައްވާފައި ގެއަށް ވަޑައިގަތުމެވެ. އެނޫން ގޮތެއްގައި ބޮޑުވަޒީރަށް އޮތީ އިތުބާރު ނެތްކަމުގެ ވޯޓާ ކުރިމަތި ލެއްވުމެވެ.

އިދިކޮޅު ޕާޓީތަކުން ބުނި ގޮތަށް ބޮޑުވަޒީރަށް އިތުބާރު އޮތްތޯ ބެލުމަށް ވޯޓު ނެގުމަށް ޕާލަމެންޓަށް މިހާރު ވަނީ ހުށަހަޅާފަ އެވެ. ޚަބަރުތައް ބުނާ ގޮތުން މިއަދުގެ ވަގުތެއްގައި ވޯޓާ ބެހޭ ގޮތުން ވަކި ގޮތެއް ނިންމާނެ އެވެ.

މުޒާހަރާކުރާ މީހުން ލަންކާގެ ހާލަތު ރަނގަޅު ކުރުމަށް ހުށަހެޅި ޝަރުތަކީ އާސަރުކާރެއް އެކުލަވާލުމެވެ. މާނައަކީ ރައީސް ގޯޓާބެ ރާޖަ ޕަކްސަ ވެސް މަގާމު ދޫކޮށްލެއްވުމެވެ. އެހެންކަމުން ބޮޑުވަޒީރު އިސްތިއުފާ ދެއްވާފައި އާ ކެބިނެޓެއް އެކުލަވާލުމަކުން ހަމަނުޖެހުންތައް ކޮޅެއްގައި ޖެހޭނެ ކަމަކަށް ނުފެނެ އެވެ.