ރިސޯޓް

މި އަހަރު ރިސޯޓުތަކަށް ލިބޭނީ ރަޝިއާގެ 20 ޕަސެންޓް ބުކިން: އެމްއެމްއޭ

May 5, 2022

މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ރިސޯޓު ތަކަށް ލިބޭނީ ރަޝިއާގެ 20 ޕަސެންޓް ބުކިން ކަމަށް މަރުކަޒީ ބޭންކުގެ ދިރާސާ އިން ދައްކައިފި އެެވެ.

ފުރަތަމަ ކުއާޓަރުގައި- ތިން މަހު- ރާއްޖޭގެ ވިޔަފާރީގެ ހަރަކާތްތައް ބަލަން ބޮޑު ތިން ސިނާއަތަށް ހާއްސަކޮށް ކޮށްފައިވާ "ކުއާޓަލީ ސާވޭ"ގެ ސުވާލުތަކަށް ޖަވާބު ދިން ގިނަ ރިސޯޓުތަކުން ބުނެފައިވާ ގޮތުން މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ރިސޯޓުތަކުން ރަޝިއާ މާކެޓު ހިއްސާ ކުރާނީ 20 ޕަސެންޓް ބުކިންނެވެ. މިއީ ޔޫކްރެއިން ހަނގުރާމައިގެ ކުރީގައި ރާއްޖޭގެ އެއްވަނަ މާކެޓެވެ.

ސާވޭގައި ބައިވެރިވި 72 ޕަސެންޓް ރިސޯޓުތަކުން ބުނެފައިވާ ގޮތުން ޔޫކްރޭން ހަނގުރާމައިގެ ސަބަބުން މި އަހަރުގެ ޖެނުއަރީން
މާޗްގެ ނިޔަލަށް އެ މީހުންގެ އާމްދަނީ އަށް ވަނީ އަސަރުކޮށްފަ އެވެ. އަދި 24 ޕަސެންޓް ރިސޯޓުން ބުނެފައިވަނީ މި ހަނގުރާމައިގެ އަސަރު އެ މީހުންގެ އާމްދަނީއަށް ނުކުރާ ކަމަށެވެ.

ސާވޭގައި ބައިވެރިވި 34 ޕަސެންޓް ފަރާތްތަކުން ބުނެފައިވަނީ ރަޝިއާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ބުކިންތައް ކެންސަލްވެފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރަޝިއާއިން ރާއްޖޭގެ ޓޫރިޒަމް ހިއްސާ ކުރަނީ އަށް ޕަސެންޓެވެ.

މިމަހުގެ 27ގެ ނިޔަލަށް ރަޝިއާ އިން 49,510 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް މިމަހު ރަޝިއާގެ ގައުމީ އެއާލައިން އަލުން ރާއްޖެއަށް ފަށަން މަސައްކަތް ކުރާތީ ޓޫރިސްޓުންގެ އަދަދު އިތުރުވެދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.