ސިނަ މާލެ ބްރިޖް

ބްރިޖްގެ މަލަމަތި ސެޕްޓެމްބަރު މަހު ފެންނަން ފަށާނެ

  • ތަނބުތައް ހަދަނީ 230 ފޫޓްގެ ފުންމިނަށް
  • މިއީ އެންމެ ޗެލެންޖިން ބައި
  • ބްރިޖުގެ ބައިތައް ގުޅާލަން ފަށާނީ ސެޕްޓެމްބަރުގައި

މާލެއާއި ހުޅުމާލެއާ ދެމެދު އަޅާ "ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ ތަނބުތަކުގެ މަލަމަތި އަންނަ މާޗް މަހު ފެންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މައިއްޒު ވިދާޅުވެއްޖެއެވެ.

ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ބްރިޖްގެ މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެއް ކަމަަށާއި މިއަދު ފެނިގެން މިދަނީ ރައީސް ޔާމީންގެ ތެދުވެރިކަމާއި އިހުލާސްތެރިކަން ކަމަށެވެ. ވައުދު ފުއްދުމަކީ އިހުލާސްތެރިންގެ ސިފައެއް ކަމަށް ވިދާޅުވިއެވެ. 

މުއިއްޒު ވިދާޅުވީ، ބްރިޖްގެ ފައުންޑޭޝަނުގެ މަސައްކަތް މާޗް އެއްވަނަ ދުވަހު ފެށޭނެ ކަމަށާއި ފައުންޑޭޝަނުގެ މަސައްކަތަކީ ދުނިޔޭގެ ފެންވަރުގައި ވެސް ބިޔަ ބޮޑު މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

"ކަނޑުގެ އަޑިން ބިން ގަނޑުގެ އަޑިއަށް 230 ފޫޓްގެ ފުންމިނަށް ފައުންޑޭޝަނުގެ ފުންމިން ހުންނާނެ'" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ބްރިޖްގެ ތަނބުތައް އެޅުމަށް ކަނޑުގެ އަޑީގައި ކުރަން ޖެހޭ މަސައްކަތްތައް ޖޫން މަހު ފަށާނެ ކަމަށެވެ. އެ މަސައްކަތް ނިންމައި ފެނުން މަތިން ތަނބުތައް ފެންނަ ވަރުވާން ފަށާނީ، ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

ބްރިޖްގެ މުހިންމު ބައިތައް

  • ދިގުމިނުގައި 1.39 ކިލޯމީޓަރު
  • ދެ ކޮޅުގައި ހަދާ މަގުތަކާ އެކު މުޅި ބްރިޖުގެ ދިގުމިން ގާތްގަނޑަކަށް 2 ކިލޯމީޓަރަށް އަރާ
  • ފުޅާމިނުގައި 20.3 މީޓަރު
  • ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ 2 ލޭން އޮންނާނެ
  • ސައިކަލް ދުއްވަން ދެ ލޭން އޮންނާނެ
  • ބައިސްކަލަށް ހާއްސަ ލޭނެއް ވެސް ހަދާނެ
  • ހިނގާ މީހުންނަށް ވެސް ހާއްސަ ލޭނެއް
  • ބްރިޖްގެ ކޮންޓްރެކްޓަރުގެ އަގަކީ 200 މިލިއަން ޑޮލަރު
  • ބްރިޖްގެ މަސައްކަތް ހަވާލު ކުރީ ޗައިނާގެ ސީސީސީސީ
  • މަސައްކަތް ނިމަން ޖެހެނީ 30 މަސް ދުވަހުން
  • ބްރިޖް ބޭނުން ކުރަން ފަށާނީ ޖޫން 2018 ގައި

"އިރޮއޮއްސޭ ވަގުތު ތިޔަބޭފުޅުންގެ ފޯނުތަކުން ނަގަން ބޭނުންވާ ރީތި މަންޒަރު އިރާދަކުރެއްވިއްޔާ ދައްކާނަން،" މިނިސްޓަރު ވިދާޅުވި އެވެ. "8 ސެޕްޓެމްބަރަށް ފަހު ދެން ފެނިގެން ދާނީ މި ބްރިޖްގެ ބަޔަކަށްފަހު ބަޔެއް ގުޅެމުންދާ މަންޒަރު، ތަނބުތަކުގެ މަތީގައި އަޅާބައި 23 ސެޕްޓެމްބަރުގައި ފެށޭނެ،" މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު އަދި ވިދާޅުވި ގޮތުގައި ބްރިޖުން މާލެއާއި ހުޅުލެއާ ގުޅުވައިދޭ ބައެއް 30 ޑިސެމްބަރުގައި ހަދަން ފަށާނެ އެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖް"ގެ ނަމުގައި އަޅާ ބްރިޖްގެ ދިގުމިނުގައި ޖުމްލަ 2 ކިލޯމީޓަރު ހުންނަ އިރު، އެއީ 20.3 މީޓަރު ފުޅާ ބްރިޖެކެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދު ތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު ހުންނާނެ އެވެ. ބްރިޖް ހަދަނީ އިންޓަނޭޝަނަލް ކާގޯ ސްޓޭންޑަޑްގެ ބަރުދަނަށް ވެސް ބަލައިގެންނެވެ.

މި ބްރިޖަކީ ސަރަހައްދުގައި ވެސް ހަދާ އެންމެ ރީތި ބްރިޖަށް ވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި ބްރިޖްގައި ބައިސްކަލް ދުއްވަން ބޭނުންވާ ފަރާތްތަކަށާއި ހިނގާފައި ބްރިޖް ހުރަސް ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ހާއްސަ މަގުތަކެއް ހަދާފައި ހުރެ އެވެ. އަދި މާލެ އާއި ހުޅުމާލެއާ ދެމެދު ދޭން ބޭނުންވާ ކަރަންޓާއި އިންޓަނެޓް ފަދަ ހިދުމަތްތައް ދެވޭނެ ގޮތަކަށް ބްރިޖް ކަންކަން ހިމަނާފައިވެއެވެ.

ބްރިޖުން 15 މިނެޓް ތެރޭގައި 6500 އަށްވުރެ ގިނަ މީހުންނަށް މާލެއިން ހުޅުލެއަށް ދެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ބްރިޖްގެ މަޝްރޫއަކީ މިހާރުގެ ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންދާ މަޝްރޫއެވެ.