މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

234 މީހަކު އަންގާރަ ދުވަހު ގައުމީ ފެރީ ނިޒާމު ބޭނުންކުރި

May 5, 2022

ހދ. އަތޮޅުގައި ގާއިމުކޮށްފައިވާ ގައުމީ ފެރީ ނިޒާމު ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކް މެދުވެރިކޮށް އަންގާރަ ދުވަހު އެކަނިވެސް 234 މީހުން ދަތުރުކޮށްފި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ގައުމީ ފެރީ ނިޒާމު މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުގެ ދަށުން ފުރަތަމަ ދަތުރުތައް ފެށީ ހދ. އަތޮޅުގެ 13 ރަށުގެ މެދުގައި ފަސް ރޫޓަކުން ގުޅާލައިގެންނެވެ.

މިދިޔަ ހޯމަ ދުވަހު މިދަތުރައް ފަށާފައިވާއިރު މިދިޔަ އަންގާރަ ދުވަހު އެކަނިވެސް 234 މީހަކު ގައުމީ ފެރީ ނިޒާމު ބޭނުންކޮށްގެން ދަތުރުކުރި ކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ގުޅާލުމަށް ހަމަޖެހިފައިވަނީ ހއ އާއި ހދގެ އިތުރުން ށ. އަތޮޅެވެ. ދަތުރުތައް ފުރަތަމަ ފަށާފައި މިވަނީ ހދ. އަތޮޅުގަ އެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ ގައުމީ ފެރީ ނިޒާމުގެ ދަށުން ހދ. އަތޮޅުގައި ދަތުރުތައް ކުރިއަށް ގެންދަން އެކުލަވާލާފައިވާ ތާވަލާ އެއްގޮތަށް ދަތުރުތައް ކުރިއަށްދާ ކަމަށެވެ.

މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހދ. އަތޮޅުގެ ރަށްތަކަށް މިދަތުރުތައް ކުރާނީ މުޅިން ހިލޭ ކުރާ ދަތުރުތަކެއްގެ ގޮތުގަ އެވެ.

ގައުމީ ފެރީ ނިޒާމު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މުޅި ރާއްޖެ ހަ ސަރަހައްދަކަށް ބަހާލައިގެން ފެންވަރު ރަނގަޅު އަދި ސްޕީޑް ބާރު ފެރީތަކުގަ އެވެ.