އުރީދޫ

ެ

Dec 30, 2015

ރަނާސް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ރޭ އިން ފެށިގެން މާދަމާ ރޭގެ ނިޔަލަށް ކުރިއަށް ދާ، އެމްވީ 50 އަލްޓްރާ ރަންގެ ޓެލެކޮމް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.

އެމްވީ 50 އަލްޓްރާ ރަން އަކީ މިނިވަން 50 އާއި ގުޅިގެން ރަނާސް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ހާއްސަ ދުވުމެކެވެ. އާންމުންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ މި ދުވުން ފުރިހަމަކުރުމަށް 50 ކިލޯމީޓަރަށް ދުވަންޖެހެ އެވެ. އަރާމުކުރުމާ އެކު އެކި ވަގުތުތަކަށް ބަހާލައިގެން ނޫނީ، ފަސް މެމްބަރުންގެ ޓީމެއްގެ ގޮތުގައި ބައިވެރިވެގެން ވެސް 50 ކިލޯމީޓަރުގެ ދުވުން ފުރިހަމަ ކުރެވިދާނެ އެވެ.

އުރީދޫ މޯލްޑިވްސް އިން މި ހަރަކާތުގެ ޓެލެކޮމް ޕާޓްނަރުކަން ނެގި ސަބަބާ ގުޅޭ ގޮތުން އުރީދޫގެ ސީއީއޯ ވިކްރަމަސިންހަ ވިދާޅުވީ؛ "މިއަދުގެ ޒުވާނުންނަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް ކެނޑިނޭޅި މަސައްކަތްކުރާ، އަދި އެކަމުގެ ތެރޭގައި ދިމާވާ ގޮންޖެހުންތަކާ އަބަދުވެސް ކުރިމަތިލާންކެރޭ ހިތްވަރުގަދަ ބައެއް. އެހެންކަމުން ރަނާސް މޯލްޑިވްސްގެ އެމްވީ 50 އަލްޓްރާ ރަން ފަދަ އިވެންޓެއްގައި ރަނާސް މޯލްޑިވްސްއާއެކު ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ކަމަށެވެ.

ރޭ 10:00 އިން ފެށިގެން މާދަމާ ރޭގެ ދަންވަރު 12:00 އާ ހަމަޔަށް ކުރިއަށް ގެންދާ މި ހަރަކާތުގައި ބައިވެރިން ދުވާނީ ބޮޑުތަކުރުފާނުމަގުން މާފަންނު ޓްރެކް ސަރަޙައްދުން ފެށިގެން މާލެ ވަށައިގެން ކަނޑައެޅިފައިވާ ވަކި މަގުތަކެއްގަ އެވެ.

އެމްވީ 50 އަލްޓްރާ ރަން ގެ ހާއްސަ ހަރަކާތެއްގެ ގޮތުން ރަނާސް މޯލްޑިވްސްގެ އެހީއާއެކު މިއިވެންޓްގެ ބައިވެރިއެއްކަމަށްވާ އަޙުމަދު އާތިފް މާލެވަށާ 24 ގަޑިއިރު ދުވުމަށް ވަނީ ނިންމާފަ އެވެ. އޭނާ ހުއްޓުމެއްނެތި ދުވާއިރު ބްރޭކް ނަގާނީ ހަމައެކަނި ނަމާދުކުރުން ފަދަ ޒަރޫރީ ބޭނުންތަކަށް އެކަންޏެވެ.

އާތިފް މާލެވަށާ 24 ގަޑިއިރު ދުވަން ފެށުމުން އެސްއެމްއެސް މެދުވެރިކޮށް ފައިސާ އެއްކުރުމުގެ ޙަރަކާތެއްވެސް އުރީދޫއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. ފައިސާ ހަދިޔާ ކުރެއްވުމަށް 20، 50، 100 ނުވަތަ 500 ޖެއްސެވުމަށްފަހު 501 އަށް އެސްއެމްއެސް ކުރެއްވުމުން އެ އެސްއެމްއެސްގައިވާ އަދަދަށް ފައިސާ ހަދިޔާ ކުރެއްވޭނެ އެވެ.

މިފަންޑުން އެއްކުރެވޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށެވެ.

"އަޅުގަނޑު 24 ގަޑިއިރު ދުވުމަށް މި ކުރިމަތިލަނީ، އަޅުގަނޑުގެ ހަށިގަނޑުގައި އެކަން ކުރުމުގެ ޤާބިލްކަން ހުރިކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭހިނދު، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ޙަރަކާތްތެރިވުމަށް ޖިސްމާނީ އަދި ނަފްސާނީގޮތުން ނުކުޅެދިފައިވާ، އަޅުގަނޑުމެންގެ މުޖުތަމަޢުން އެކަހެރި ކުރެވިފައިވާ ކ.ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދަމުންދާ މީހުންނަށް އެހީ ހޯދުމަށާއި އެކަމަށް އަޑު އުފުލުމަށް. އާ އަހަރަށް އާ ޢަޒުމަކާއިއެކު ކުރިމަތިލާއިރު ހުރިހާ ބޭފުޅުންވެސް މިކަމާމެދު ފުންކޮށް ވިސްނާވަޑައިގެން އެބޭފުޅަކަށް ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދެން." ވަރުގަދަ ޗެލެންޖަކަށް ނުކުންނަ އާތިފް ބުންޏެވެ.

އަޙުމަދު އާތިފްގެ 24 ގަޑިއިރުގެ ދުވުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 11:00 ގައެވެ.