ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް "ސައިޒު" ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް އިދިކޮޅު ކޯލިޝަނުން ދިވެހި ފުލުހުންގެ ހިދުމަތަށް ހުށައެޅިތާ ތިން ދުވަސް ފަހުން އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފި އެވެ.
ރައީސް ޔާމީނަށް އިންޒާރުދީ ވީޑިއޯއެއް އާންމުކޮށްފައިވަނީ "މޯލްޑިވްސް ޔޫތު ފޯސް" ގެ ނަމުގައި އާންމުކުރި ވީޑިއޯއެއްގައެވެ. އެ ވީޑިއޯގައި ފެންނަނީ ހުސައިން ސައީދު ނަމަކަށް ކިޔާ މީހެކެވެ. އެއީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އެމްޓީޑީއަށް ނިސްބަތްވާ މެންބަރެއް ކަމަށް ވެއެވެ.
އޭނާގެ ވީޑިއޯ މެސެޖްގައި ބުނެފައިވަނީ އެއީ "މޯލްޑިވްސް ޔޫތު ފޯސް" ކަމަށާ އެ ޓީމުގެ މެންބަރުން ނިކުންނަނީ ރައީސް ޔާމީން "ސައިޒް" ކުރަން ކަމަށެވެ. ރައީސް ޔާމީން އިސްކޮށް ހުންނަވާ ބޮޑުކޮށް ފުޅާކޮށްފައިވާ "އިންޑިއާ އައުޓް" ހަރަކާތާ އެ ފޯސް އިން ދެކޮޅު ކަމަށާ ރާއްޖެ އޮތީ އިންޑިއާގެ ދަށުވެފައި ކަމަށް ވިދާޅުވެ ރައީސް ޔާމީން އިތުރު ހައްދަވާ ކަމަށެވެ. ރައީސް ޔާމީނަށް އިޝާރާތް ކޮށް އެ މީހާ ބުނެފައިވަނީ ރައީސްކަން ކޮށްފައިވާ މީހަކު ނިކުމެ ރާއްޖެ އިނދަ ޖައްސާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ މައްސަލަ ބަލާކަން ނުވަތަ ނޫންކަންވެސް ރަސްމީކޮށް އަންގާފައިނުވާތީ ޕީޕީއެމުން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކަމާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުން ފުލުހުން ބުނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ކުރީ ރައީސް އަބްދުﷲ ޔާމީނަށް އިންޒާރު ދީފައިވާ ކަމަށް ބުނާ މައްސަލައެއް ބަލައިދޭން މެއި ދެވަނަ ދުވަހު ސިޓީއަކުން ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.
އަދި ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލައިދޭން މެއި ތިން ވަނަ ދުވަހު ސިޓީއަކުން ހުށައަޅާފައިވާ ކަމަށެވެ.
"މި ސިޓީތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" އިންޒާރުގެ މައްސަލަތަކާއި ގުޅިގެން ފުލުހުން މީގެ ކުރީން އަމަލުކުރި އުސޫލާ ހިލާފަށް އަމަލުކުރަމުންދާ މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުންޏެވެ.