މާލެ ސިޓީގައި ކުށްކުރުން އިތުރުވުމުން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މިދިޔަ އީދު ދުވަހުން ފެށިގެން މާލެ ސިޓީގައި ދަނީ މާރާމާރީތައް ހިނގަމުންނެވެ. އީދު ދުވަހުގެ ފަތިހު ހިނގި މާރާމާރީގައި މީހަކު ޒަހަމުކޮށްލިއެވެ. އެ ދުވަހުގެ ހެނދުނު މަޖީދީ މަގުގައި ހިނގި މާރާމާރީގައި ޒުވާނަކު ވަރަށް ބޮޑަަށް ޒަހަމުކޮށްލިއެވެ. އެ މާރާމާރީއާ ގުޅިގެން 18 އަހަރުގެ މީހަކާއި 15 އަހަރުގެ ކުއްޖަކު ވަނީ ހައްޔަރު ކޮށްފައެވެ. އިތުރު ހަތް މީހަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ މީހުންގެ ފޮޓޯއާއެކު ވަނަވަރު ވަނީ އާންމުކޮށްފައެވެ.
އޭގެ ފަހުން ރޭ ވެސް ވަނީ ހުޅުމާލޭގައި ވަނީ ދެ މާރާމާރީއެއް ހިނގާފައެވެ. އެ މާރާމާރީތަކާއި ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފައިވެއެވެ.
ރޭ ޓްވިޓާ ބޭނުން ކުރައްވަން ފެއްޓެވި ރައީސް ޔާމީން މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ކުށްކުރުން އިތުރުވީ ކޮން ސަބަބަކާ ގުޅިގެންތޯ ސުވާލު ކުރައްވާފައެވެ. ކުށްކުރުން އިތުރުވީ އެކަންކަން ހުއްޓުވަން މަސައްކަތް ނުކުރާތީ ތޯ ނޫންނަމަ އެކަމަށް ފުލުހުން ހިތްވަރު ދޭތީތޯ ސުވާލު ކުރައްވާފައިވެއެވެ.
ކުށްކުރުން އިތުރުވެ މާރާމާރީގެ މައްސަލަތައް ރިޕޯޓް ކުރެވޭ މިންވަރު އިތުރުވާތީ ޔާމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މާރާމާރީތަކާއި ގުޅިގެން އީދު ދުވަހު ފަށަން އޮތް ބައިބަލާ މުބާރާތް ފުލުހުން އެދިގެން ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.