ސާފް ސުޒުކީ ކަޕް

ޖަޒުބާތުގައި ޖެހުނަސް މެޗުން އަދި މޮޅެއް ނުވާނެ: ގައުމީ ކޯޗު

ޖަރުބާތުގައި ޖެހިގެން ފުޓްބޯޅަ މެޗަކުން މޮޅުނުވާނެ ކަމަށާއި އޭނާ މަސައްކަތަކުރަމުން އަންނަނީ ރާއްޖޭގެ ފުޓްބޯޅަ ބަދަލު ކުރުމަށް ކަމަށް ގައުމީ ކޯޗު ރިކީ ހާބަޓް ބުނެފި އެވެ.

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދިއުމަށް މިއަދު މެންދުރު ފަހު އިންޑިޔާއާ ވާދަކުރަންޖެހޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު ބުނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ ކުރިޔަސް މި ފަހަރުގެ މުބާރާތަކީ ތަފާތު މުބާރާތެއް ކަމަށެވެ.

"އެއިރާ މިހާރާ ވަރަށް ތަފާތު. އެ އަހަރު ރާއްޖެ ވަނީ ވަރަށް ރަނގަޅަށް މުބާރާތުގައި ވާދަކޮށްފަ. އެކަމަކު އެއިރާ މިހާރާ ތަފާތުވަނީ އެހެން ގައުމުތައް މާބޮޑަށް ކުރިއަށް ގޮސްފައިވާތީވެ. ރާއްޖޭގައި މިހުރީ (ކެޕްޓަން އަލީ އަޝްފާގް) ދަގަނޑޭ އެކަނި ބޭރު ލީގެއްގައި އެއް އަހަރު ކުޅުނު ކުޅުންތެރިއަކަށް ވެސް. އެކަމަކު އަފްގާނިސްތާނުގެ ކިތައް ކުޅުންތެރިން ޕްރޮފެޝަނަލް ލީގުތަކުގައި އެކުޅެނީ. ރާއްޖެ ބަދަލެއްނުވޭ. އެހެންވީމަ (2008ގައި ތަށި ހޯދިއޭ ކިޔާފައި) ޖަޒުބާރުގައި ޖެހިގެން ފުޓްބޯޅަ މެޗަކުން މޮޅެއްނުވާނެ. އަހަރެން މަސައްކަތް މިކުރަނީ ރާއްޖޭގެ ފުޓްބޯޅަ ބަދަލުކުރަން،" ކޯޗު ބުންޏެވެ.

ނިއުޒީލޭންޑްގެ ގައުމީ ކޯޗުކަމުގައި 10 އަހަހަރު ވަންދެން ހުރި ކޯޗު ބުނީ އޭނާ އަކީ 1992 ވަނަ އަހަރު ވޯލްޑް ކަޕުގައި ކުޅުނު ނިއުޒީލޭންޑްގެ ކުޅުންތެރިއެއް ކަމަށެވެ. އަދި އޭގެ އެތައް އަހަރެއް ފަހުން ވޯލްޑް ކަޕުގައި ނިއުޒީލޭންޑް 2010 ވަނަ އަހަރު ވާދަކުރިއިރު އޭނާ އަކީ އެ ގައުމުގެ ކޯޗު ކަމަށެވެ.

"އެއީ މުޅިން ތަފާރު ދެ ކަމެއް. މުޅިން ތަފާތު ދެ ދުވަސްވަރެއް އެއީ. ރާއްޖެ ވެސް ތަށި ހޯދީ 2008ގައި. އެހާރާއި މިހާރު ވަރަށް ތަފާތު. މިއީ ވަރަށް ޒުވާން ޓީމެއް. މި ޓީމު ވާނީ ރާއްޖޭގެ މުސްތަގްބަލަށް. މި ފަހަރު ކޮންމެ ނަތީޖާއެއް ނުކުތަސް މި ޓީމު ރާއްޖޭގެ ފުޓްބޯޅަ ބަދަލުކުރާނެ. އަހަރެން މީގެ ހަތަރު މަސްކުރިން ރާއްޖެއައިއިރު އަހަންނަށް ފެނުނީ މަތިން ބޯޅަޖަހާތަން. މިހާރު މަސައްކަތްމިކުރަނީ ޕާސްކޮށްގެން ކުޅެން. އަހަރެން މިދަނީ ޒަމާނީ ވިސްނުން ކުޅުންތެރިންނަށް ވިސްނައިދެމުން،" ކޯޗު ބުންޏެވެ.

ކޯޗު ބުނީ ރާއްޖޭގައި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ނެތް ކަމަށާއި ކުޅުންތެރިން ނުއުފެދޭ އެއްސަބަބަކީ ވެސް އެއީ ކަމަށެވެ. އަދި ދަގަނޑޭ ކުޅުން ހުއްޓާލައިފިނަަމަ އޭނާ ފަދަ ދެ ވަނަ ކުޅުންތެރިއަކު ނެރެން 10 އަހަރު ހޭދަވެގެން ނުވާނެ ކަމަށެވެ.

"އެއްވެސް ޕްރޮގްރާމެއްނެތޭ އަހަރެން ބުނަންޖެހެނީ. އެކަމަކު (ދިވެހި) ޕްރެމިއާ ލީގުގެ ޓީމުތަކާ ގުޅިފައިތިބި 55 (ޒުވާން) ކުޅުންތެރިން އެބަތިބި. އެމީހުންނަށް ކުޅުމުގެ ފުރުސަތެއްނުލިބޭ. އެކަމަކު އެމީހުންނަށް ބޭނުންވޭ މުބާރާތެއް. ދަގަނޑޭ އޭނާގެ ނިންމުމާ އެއްގޮތަށް ހުއްޓާލައިފިނަމަ ކިހިނެތްވާނީ؟ ގައުމުތަކުން މޮޅެތި ކުޅުންތެރިން އުފައްދާ. (އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް) މެސީ ކުޅުން ހުއްޓާލައިފިނަމަ އޭނާ ފަދަ އެހެން މީހަކު ނެރެން 10 އަހަރެއް މިހާރު ނުގަނާނެ. އަޝްފާގް ހުއްޓާލިޔަސް އޭނާ ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ އައިކަން އަކަށް. އެކަމަކު ހަގީގަތަކީ ރާއްޖެއިން ކުޅުންތެރިން އުފައްދަންޖެހޭކަން،" ކޯޗު ބުންޏެވެ.