އީވާ އަބްދުﷲ

އިންކުއަރީގެ އެންމެ ކަމެއްވެސް ތަންފީޒެއް ނުކުރޭ: އީވާ

May 6, 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން މިދިޔަ އަހަރުގެ މެއި މަހު ދިން ބޮމުގެ ހަމަލާއަށްފަހު ރައްޔިތުންގެ މަޖިލީހުން އެކުލަވާލި އިންކުއަރީ ރިޕޯޓްގައިވާ އެއްވެސް ކަމެއް ފުރިހަމައަށް ތަންފީޒުކޮށްފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބޮމުގެ ހަމަލާއާއި ގުޅިގެން މަޖިލީހުގައި ވަރުގަދަ އިންކުއަރީ ކުރިއަށް ގެންދިޔަ އެވެ. އެމަސައްކަތް ކުރި 241 ކޮމިޓީގައި އީވާ އިންނަވައިގެން އެ މަސައްކަތް އަވަހަށް ނިންމުމަށް އިސް ދައުރެއް ވެސް އަދާކުރެއްވި އެވެ.

ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓްގައި 45 ކަމެއް ކުރުމަށް ދައުލަތުގެ އިދާރާތަކަށް ލަފާ ދީފައިވެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ދިމާކޮށް އީވާ މިއަދު އިނގިރޭސި ބަހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިންކުުއަރީ ރިޕޯޓްގައި ލަފާދީފައިވާ އެއްވެސް ފުރިހަމަ އަށް ތަންފީޒު ނުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އީވާ ވިދާޅުވީ ރައްޔިތުންނަށް އެ މީހުން ތާއީދުކުރާ ސިޔާސީ ލީޑަރުންނާއި ފަސޭހައިން އަދި ރައްކާތެރިކަމާ އެކު ބައްދަލުވުމުގެ ފުރުސަތު އޮތުމަކީ ޑިމޮކްރަސީގެ "ހިތް" ނުވަތަ އަސާސް ކަމަށެވެ.

ހަމަލާއަށްފަހު ތަހުގީގު ކުރިއަށްދާ ގޮތުންނާއި ހަމަލާ ދިނުމުގައި ބައިވެރިވި މީހުންގެ ޝަރީއަތްތައް ލަސްވުމުގެ ސަބަބުން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ރައީސް ނަޝީދު އެންމެ ގަޔާވެގެން ކުރައްވާ މަސައްކަތް ކަމުގައިވާ ރައްޔިތުންނާ ބައްދަލުކުރަން ހުރަސް އެޅިފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ހަމަލާއަށްފަހު "ސެކިއުރިޓީ ކޯޑަންއެއް"ގެ ފަހަތުގައި ދިރިއުޅުއްވުމަށް ރައީސް ނަޝީދަށް މަޖުބޫރުވެވަޑައިގެންފައިވާ ކަންވެސް ފާހަގަކުރައްވާފައިވެ އެވެ.

އީވާ ވިދާޅުވީ ރައީސް ނަޝީދަށް މިއަދު އުޅުއްވަން ޖެހިވަޑައިގެންފައިވާ ގޮތުން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހޭ ޒިންމާތަކަށް އަސަރުކުރަމުންދާ ކަމަށެވެ.

އީވާ ތުހުމަތު ކުރެއްވި ގޮތުގައި ތަހުގީގާއި ޝަރީއަތް ކުރިއަށްދާ ގޮތުން ހަމަލާ ދިނުމުގައި ބައިވެރިވާ މީހުންނަށް ފިލައިގެން ދިރިއުޅުމަށް ފަސޭހަވެ ފުރުސަތުތައް ލިބިގެންދެ އެވެ. ފުރިހަމަ ތަހުގީގެއް ހިންގުމަށްވެސް އީވާގެ ބަޔާނުގައި ގޮވާލައްވާފައިވެ އެވެ.

ރައީސް ނަޝީދަށް ހަމަލާދީފައިވާ އެމަނިކުފާނުގެ ގެކޮޅު -- ގ. ކެނެރީގެ އިން ހަށިފާރަވެރިންނާ އެކު ނިކުމެވަޑައިގެން މަޖިދީ މަގުގައި އޮތް ކާރުކޮޅަށް އަރުއްވަނިކޮށް ރޭޒަރު ފުއް އަޅައިގެން ހަދާފައިވާ ބޮމެއް ގޮއްވާލައިގެންނެވެ. ހަމަލާ އާއި ގުޅިގެން 11 ރޭޒަރު ފުއް ނަޝީދު ހަށިކޮޅުން ޑޮކްޓަރުން ނަގާފައިވެ އެވެ.

ރައީސް ނަޝީދަށް ހަމަލާދިނުމާ ގުޅިގެން ނުވަ މީހަކަށް ދައުވާކުރި ނަމަވެސް މިހާތަނަށް ދަށު މަރުހަލާގައި ނިމިފައިވަނީ ހަމައެކަނި އެންމެ މީހެއްގެ ޝަރީއަތެވެ.