އާދީއްތު ދުވަހު ނިމޭ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދިނުމަށް އިންޑިޔާ އަށް ވަޑައިނުގަންނަވަން ސާފުގެ ރައީސް ބަނގްލަދޭޝްގެ ގާޒީ ސަލާހުއްދީން ނިންމަވައިފި އެވެ.
ދެކުނު އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް އަދި ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސްކަން ވެސް ކުރައްވާ ސަލާހުއްދީން މި ގޮތަށް ނިންމީ އޭނާގެ ގައުމު މުބާރާތުން ކަޓާފައިވަނިކޮށެވެ. މުބާރާތް ފެށުމުގެ ކުރިން އޭނާ ވިދާޅުވީ މި ފަހަރުގެ މުބާރާތުގެ ތަށި ބަނގްލަދޭޝް އަށް ހަވާލުކޮށްދިނުމަކީ އޭނާގެ ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ.
ސާފުގެ ޖެނެރަލް ސެކްރެޓަރީ އަންވަރުން ހައްގު ހިލާލް އަށް ސަލާހުއްދީން ފޮނުވި ސިޓީގައި މުބާރާތް ނިންމަން ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައިވާއިރު ހޮނިހިރު ދުވަހު ބާއްވާ ސާފުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވެސް އޭނާ ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އޭނާގެ ބައްދަލުވުމުގައި ބަނގްލަދޭޝް ތަމްސީލު ކުރައްވާނެ ބޭފުޅަކު ވެސް ވިދާޅުވެފައިނެތެވެ. މުބާރާތް ނިންމަން ވަޑައިނުގަންނަވާނެ ސަބަބެއް ކަމަށް ސަލާހުއްދީންގެ ސިޓީގައި ވިދާޅުވެފައިވަނީ މިވަގުތު އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވާތީވެ ވަޑައިނުގެންނެވެނީ ކަމަށެވެ.
ނަމަވެސް ހަގީގަތުގައި ވެސް ސަލާހުއްދީން އުޅުއްވަނީ އާލަސްކަންފުޅާ ކަމެއް ނުވަތަ ބަނގްލަދޭޝް މުބާރާތުން ކެޓުމުން ގައުމުގެ އެތެރޭގެ އުފެދިފައިވާ ނުތަވަސްކަމުގެ ސަބަބުން ވަޑައިނުގަންވަނީކަން ޔަގީނެއްނޫނެވެ.
ސަލާހުއްދީން ވަނީ ބަނގްލަދޭޝް މުބާރާތުން ކެޓުމުން ގައުމުގެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ. އަދި ކުރިއަށް އޮތް ޖެނުއަރީ 8ގައި ބަނގްލަދޭޝްގައި ފަށާ ބަންގް ބަންދު ގޯލްޑް ކަޕުގެ ކުރިން ގައުމީ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ވެސް އޭނާ ވަނީ ވައުދުވެވަޑައިގެންފަ އެވެ. އަދި ސުޒުކީ ކަޕުން ކެޓި ސަބަބު ހޯދައި ތަހުގީގުކުރަން ކުރީގެ ތިން ކެޕްޓަނުން ހިމެނޭ ކޮމިޓީއެއް ވެސް ވަނީ އެކުލަވާލާފަ އެވެ.