އަބްދުﷲ ޝާހިދު

ހަމަލާގައި ޒިންމާވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ: ޝާހިދު

May 6, 2022

ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމުގައި ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ޝާހިދު މިކަމަށް ގޮވާލެއްވީ މިދިޔަ އަހަރުގެ މެއި ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް އެއް އަހަރު ފުރުމާ ދިމާކޮށް މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

ޝާހިދު ވިދާޅުވީ ނަޝީދަށް ހަމަލާ ދިނުމުގައި ޒިންމާވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް އިންސާފު ގާއިމުކުރެވެން ޖެހޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ މެއި ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާ އަކީ މުޅި ގައުމު ސިއްސުވާލި ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ކަމުގައިވެސް ޝާހިދު ވިދާޅުވި އެވެ.

"އެ ހަމަލާއިން ރައީސް ނަޝީދު ސަލާމަތްވީތީ ﷲއަށް އަހަރެމެން ހަމްދުކުރަން،" ޝާހިދު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށް އެއް އަހަރު ވެގެންދިޔައިރު އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރަނީ ހަމަލާއަށް ފަންޑްކުރި މީހުން ހޯދިފައި ނުވުމެވެ. މީގެއިތުރުން ހަމަލާގައި ބައިވެރިވުމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ މީހުންގެ ޝަރީއަތް ލަސްވެގެން ގޮސްފައިވާތީ ވެސް ކަންބޮޑުވުން އެބައޮތެވެ.