އަބްދުﷲ ޝާހިދު

ނަޝީދު އިންޑިއާގައި، ޝާހިދު ވެސް އިންޑިއާއަށް

Aug 28, 2022
4

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިންޑިއާގައި ހުންނަވަނިކޮށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިންޑިއާ އަށް ވަޑައިގެންފި އެވެ.

ޝާހިދުގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޝާހިދުގެ ދަތުރުފުޅަކީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ޝާހިދުގެ މިދަތުރުފުޅުގެ ހަރަދުތައް ބަލަހައްޓަނީ އިންޑިއާ ސަރުކާރުންނާއި އާންމު މަޖިލީހުގެ ރައީސްގެ އޮފީހުން ހިންގާ ޓްރަސްޓް ފަންޑުންނެވެ.

މިއަދާއި މާދަމާ ޝާހިދު އިންޑިއާގައި ހުންނަވާނެ ކަމަށްވެސް ތަރުޖަމާން ޔަގީންކަން ދެއްވަ އެވެ.

ޝާހިދުގެ ދަތުރުފުޅުގައި އިންޑިއާގެ އިސް ވެރިންނާ ބައްދަލުކުރައްވާ އދ.އާ ގުޅުންހުރި ކަންކަމުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ޝާހިދު ބައްދަލުކުރައްވާ ބޭފުޅުންގެ ތެރޭގައި އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންޚަރާއި ފޮރިން ސެކްރެޓަރީ ވިނޭ ކްވަޓްރާ ހިމެނެ އެވެ. މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރަން ހަމަޖެހިފައިވަނީ އދ.ގައި އިންޑިއާގައި ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުންނެވެ.

ޝާހިދު އިންޑިއާ އަށް ވަޑައިގަތުމުގެ ކުރިން ކުވައިތު އަދި ތަޖިކިސްތާނަށް ވެސް ވަޑައިގެންނެވި އެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ޝާހިދު އިންތިހާބު ކުރީ އެއް އަހަރުގެ މުއްދަތަކަށް ވާތީ އޭނާގެ މަގާމުގެ ދައުރު އަންނަ މަހު ހަމަވާނެ އެވެ.

ރައީސް ނަޝީދާއި ޝާހިދު އެއްވަގުތެއްގައި އިންޑިއާގައި ހުންނެވިއިރު މި ދެ ބޭފުޅުންނަކީ ރާއްޖެއާ ގުޅޭ މައްސަލަތަކުގައި އިންޑިއާގެ މަސްލަހަތުގައި ވަރަށް ބޮޑަށް ވާހަކަ ދައްކަވާ އިންޑިއާއާ ގާތްގުޅުމެއް ބާއްވަވާ ދެ ބޭފުޅުންނެވެ.