ލައިފްސްޓައިލް

އަންހެނުން ދެކެ ވާ ލޯބިން މަރުވީމަ ވަޅުނުލާ 21 އަހަރު ބާއްވައިފި

ތައިލެންޑްގެ ބެންކޮކްގައި ދިރިއުޅޭ އުމުރުން ދުވަސްވި ފިރިހެނަކު އޭނާގެ އަންހެނުންގެ ގަބުރު 21 އަހަރު ވަންދެން ގޭގައި ސަންދޯކެއްގައި ބޭއްވުމަށްފަހު އެންމެ ފަހުން އަންދާލައިފި އެވެ.

މި މީހާ އޭނާގެ އަންހެނުން އަންދާނުލާ ބޭއްވީ އޭނާ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

ޗާން ޖަންވޮޗަކަލް، 72، އޭނާގެ އަންހެނުންނަށް އެންމެ ފަހުގެ އަލްވަދާއުކިޔާ އޭނާގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކޮށްފައިވަނީ ފާއިތުވީ އެޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ.

ޗާން އޭނާގެ އަންހެނުންގެ ޖަނާޒާ ބޭއްވުމަށްޓަކައި ސަންދޯއް ގެންދިޔައިރު އޭގައި ހިފަހައްޓައިގެން ހުރެ ރޮމުން ރޮމުން ދިޔަ އެވެ. އަދި ވަރަށް އަވަހަށް އަނެއްކާވެސް އަނބުރާ ގެންނާނެކަމަށް އޭނާ ބުނަމުން ދިޔަ އެވެ.

ޗާން އޭނާގެ އަންހެނުންގެ ހަށިގަނޑު މި ހުރިހާ ދުވަހު ބާއްވައިގެން އުޅުނި ގުދަނެއް ހެން ހަދާފައިވާ އޭނާގެ ކުޑަ ކުޑަ ގޭގައި ބަހައްޓާފައި ހުރި ސަންދޯކެއްގެ ތެރޭގަ އެވެ. އޭނާ މި ގެ ބޭނުންކުރަނީ ހަމައެކަނި ނިދާލުމަށެވެ. އަދި ގޭގައި އުޅޭ ހުރިހާ ވަގުތެއްގައި ދިރިހުރި މީހަކާ ވާހަކަ ދައްކާ ގޮތަށް އޭނާގެ އަންހެނުންގެ ގަބުރާ ވާޙަކަ ދައްކާ ކަމަށް 'ދަ ސްޓްރެއިޓްސް ޓައިމްސް'ގައިވާ މި ޚަބަރުގައި ބުނެފައި ވެއެވެ.

އޭނާގެ ގޭގައި ކަރަންޓު ނުހުންނަ ގޭގެ ހާލަތު ހުރީ ވަރަށް ދަށު ދަރަޖައަކަށެވެ. އަދި ޗާން ބޭނުންކުރާ ފެން ވެސް އަވަށްޓެރިއަކާ ޝެއާކޮށްގެން އެ ގޭގައި ދިރިއުޅެފައި ވެއެވެ.

ދުވާލު ގަޑީގައި ޗާން އިންނަނީ އޭނާ ގެންގުޅޭ ކުއްތާ ތަކާއި ބުޅާތަކާއެކު އެ ގޭގެ ބޭރުގައި އިށީނދެންނެވެ.

އޭނާގެ އަންހެނުން މަރުނުވާ ކަމަށް ހަދައިގެން ޗާން މި ހުރިހާ ދުވަހަކު ދިރިއުޅުނު ނަމަވެސް ކަމާ ބެހޭ ރަސްމީ އިދާރާތަކަށް އަނބިމީހާ މަރުވިކަން އަންގައި ކަމާ ބެހޭ ރަސްމީ ލިޔެކިޔުންތައް ފުރިހަމަކޮށްފައި ވެއެވެ. އެހެންކަމުން ޗާންގެ އަންހެނުންގެ މަރު ފޮރުވައިގެން އުޅޭކަމަށް ބުނެ އޭނާއާ ދެކޮޅަށް ކަމާ ބެހޭ އިދާރާތަކަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް މި ޚަބަރުގައި ވެއެވެ.

ޗާންގެ އަނބިމީހާގެ ޖަނާޒާގެ ކަންތައްތައް ކުރިޔަށް ގެންދިއުމަށްޓަކައި އޭނާގެ އަތުން މަރުގެ ސެޓްފިކެޓް ހޯދާފައިވަނީ އެ މީހާގެ ޖަނާޒާގެ ކަންތައްތަކާ ހަވާލުވި ފައުންޑޭޝަނުންނެވެ. މަރުގެ ސެޓްފިކެޓްގައިވާ ގޮތުން އަންހެންމީހާ މަރުވެފައިވަނީ 2001 ވަނަ އަހަރު އެވެ.

ޗާން އޭނާގެ އަންހެނުންގެ ސަންދޯއް ގޭގައި ބަހައްޓައިގެން އުޅޭކަން އެނގުނީ މީގެ ދެ މަސް ކުރިން ޗާން އެކްސިޑެންޓްވެ ލިބުނު އަނިޔާތަކެއްގެ ސަބަބުންނެވެ. ނިކަމެތިންނަށް އެހީވާ ފައުންޑޭޝަނެއްގެ ބަޔަކަށް ޗާންގެ އެކްސިޑެންޓްގެ ޚަބަރު ލިބިގެން އޭނާއަށް ކާނާ އާއި ފެން ފޯރުކޮށްދޭތާ ދެ މަސް ދުވަސް ވީއިރުވެސް އެ ގޭ ތެރޭގައި ސަންދޯއް ހުރި ތަން އެމީހުންނަކަށް ވެސް ނުފެނެ އެވެ.

މި ފައުންޑޭޝަންގެ އޮފިޝަލުން އައިސް އެހީތެރިކަން ފޯރުކޮށްދޭތާ ދެ މަސްފަހުން އޭނާގެ އަންހެނުންގެ ޖަނާޒާގެ ކަންތައްތައް ކޮށްދޭން ޗާން އެމީހުން ކައިރީ އެދުނީ އެވެ. އަންހެނުންގެ ސަންދޯއް ގޭތެރޭގައި ހުރިކަން އެ މީހުންނަށް ވެސް އެނގުނީ އެހިސާބުންނެވެ.

ޗާން އެންމެ ފަހުން އަންހެނުންގެ ޖަނާޒާ ބާއްވަން ނިންމީ އޭނާގެ ބަލި ހާލު ބޮޑުވެ މަރުވެއްޖެނަމަ އަންހެނުންގެ މަސްގަނޑު އެގޮތަށް އެތާ ވަޅުނުލާ އެތައް އަހަރަކު ވެސް އޮވެދާނެކަމުގެ ބިރަށެވެ.

ތައިލެންޑްގެ ކަމާ ބެހޭ އިދާރާތަކުން ބެލި ބެލުމުން އެނގުނު ގޮތުގައި ޗާންގެ އަތުގައި ޔުނިވަސިޓީ ޑިގްރީތައް ހުއްޓެވެ. ޗުލާލޯންގްކޯން ޔުނިވަސިޓީގެ ފެކަލްޓީ އޮފް ފާމަސީގެ ޑިގްރީއެއް ވެސް އޮތެވެ. އޭނާ ވަނީ ރޯޔަލް ތައި އާމީގައި ސިއްހީ ޚިދުމަތްތެރިއެއްގެ ގޮތުގައި ގިނަ ދުވަސް ތަކަކު މަސައްކަތް ކޮށްފަ އެވެ.

ޗާންގެ އަންހެނުން ވެސް ޕަބްލިކް ހެލްތު މިނިސްޓްރީގައި ގިނަ ދުވަސް ތަކަކު މަސައްކަތްކޮށްފައި ވެއެވެ.

ޗާން ބުނި ގޮތުގައި އޭނާ ކުރިން ދިރިއުޅުނީ ދެ ފިރިހެން ދަރިންނާއެކުގަ އެވެ. ނަމަވެސް ދެ ދަރިން އާދޭސް ކޮށްކޮށް ވެސް އެކުދިންގެ މަންމަގެ ގަބުރު ވަޅުލަން ޗާން އެއްބަސް ނުވުމުން އެމީހުން އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރީ އެވެ.