ބެންކޮކްގެ ރަށްބޭރުގައި ހުންނަ ފައްޅިއަކަށް ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު އާދެ އެވެ. އޭގެން ކޮންމެ މީހެއްގެ އަތުގައި މާބޮނޑިއެއް އޮވެ އެވެ. އެއީ ހުދު ފޮތިގަނޑެއް ގައިގައި އޮޅައިގެން ސަންދޯކެއް ތެރެއަށް އެރި އޮވެ އެރަށު މީހުން އާއްމުކޮށް މަރުވީމާ އެ ފައްޅިތަކުގައި ކަންކުރާ އުސޫލުން ކަންތައްތައް ކުރަން ބޭނުންވެގެން އަންނަ ބައެކެވެ.
އެމީހުން މިކަން ކުރަނީ ނަސީބުރަނގަޅުވެ އަލުން އާ ހަޔާތެއް ފެށުމުގެ ފުރުސަތު ލިބޭނެ ކަމުގެ އުންމީދުގަ އެވެ. އަދި ބައެއް މީހުންނަށް ކޮރޯނާވައިރަހުގެ މި ބަލިމަޑުކަމުގެ ތެރޭގައި ދިމާވެފައިވާ ސްޓްރެސްތައް ފިލުވާލަން ވެސް މިކަމުން އެހީތެރިކަން ލިބޭކަމަށް އެމީހުން ބުންޏެވެ.
"އަހަރެން މި ދުވަސްވަރު ހުންނަނީ ވަރަށް ބޮޑަށް ސްޓްރެސް ވެފަ. ޕެންޑެމިކްގެ ތެރޭގައި އަހަންނަށް ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން އަހަރެން ވަނީ ވަރަށް ހާސްވެފައި. މިތަނަށް އަންނަ އެހެން މީހުންނަކީ ވެސް އެހެންވެ އެކަންކަން ރަނގަޅުވޭތޯ އަންނަ ބަޔެއް ކަމަށް އަހަންނަށް ގަބޫލު ކުރެވެނީ،" ނަޓްސަރަންގް ސައިހާޑް، 52، ބުންޏެވެ. އޭނާ އަކީ ފުޑް ސްޓޯލެއްގެ ވެރިއެކެވެ.
ސަންދޯކަށް އެރިގެން މަރުވީކަމަށް ހެދިގެން ތިބޭ ކޮންމެ މީހަކު 100 ބާތު (3.30 ޔޫއެސް ޑޮލަރު) ޚަރަދުކުރާނެ އެވެ. އެއީ މާބޮނޑި އާއި އުއްބައްތި އަދި ގައިމަތިން އަޅާ ހުދު ފޮތީގެ އަގެވެ.
އެތަނުގައި ހުންނަ މޮންކް ދޭ އިރުޝާދާ އެއްގޮތަށް އެމީހުން ފުރަތަމައިނުން ސަންދޯކުގައި އޮށޯވެ އެވެ. ބޯ ހުޅަނގަށް ވާ ގޮތަށެވެ. އެއީ ހަށިގަނޑު ވަޅުލާނަމަ ބާއްވާ ގޮތެވެ. ދެން މޮންކް އެންގުމުން އަނެއް ފަރާތަށް ހަށިގަނޑު އަނބުރާލަ އެވެ. އެއީ އަލުން އުފަންވީ ކަމުގެ ރަމްޒެއްގެ ގޮތުންނެވެ.
"އަހަންނަށް އިހްސާސް ވަނީ އަހަރެންނަކީ އަލުން އުފަން ވެފައި ހުރި މީހެއް ކަމަށް. އަހަރެން މުޅިން އާ މީހަކަށް ވެފައި މިހުރީ މިހާރު،" ސަންދޯކުގައި އޮވެ އެ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުކުތް މީހަކު ބުންޏެވެ.
މިގޮތަށް ސަންދޯކަށް އެރުނު 23 އަހަރުގެ ޒުވާނަކު ބުނީ އޭނާ އެތަނަށް އައީ އަތްބަލާމީހަކު އޭނާ ކައިރީގައި ބުނި ވާޙަކައަކުން ބިރުންނެވެ.
"އަތްބަލާ މީހަކު ބުނި އަހަރެންގެ ދިރިއުޅުން ވަނީ ނުރައްކަލުގެ ތެރޭގައޭ. އެހެންވެ އެކަމާ ވިސްނާ ވިސްނާ ސްޓްރެސް ބޮޑުވެގެން މިއައީ،" އެ ޒުވާނާ ބުންޏެވެ.
ތައިލެންޑުގެ ވަރަށް ގިނަ ފައްޅިތަކުގައި މޮންކުން މި ސެރެމަނީ ބާއްވަދެ އެވެ. ނަމަވެސް މި މީހުންކުރާ ކަންތައްތަކަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ފާޑު ކިޔައި މަލާމާތް ކުރަމުންނެވެ.
މީހުން މަލާމާތްކުރިޔަސް މިކަންކުރާ މީހުން ބުނަނީ މަރުގެ އިހްސާސްތައް ކުރެވުމަކީ މުހިއްމު ކަމެއް ކަމަށެވެ. ކޮންމެވެސް ދުވަހަކުން އޭނާ މަރުވާނެކަން އެމީހާއަށް ރަނގަޅަށް ވިސްނޭނީ މިގޮތަށް ކަންތައް ކުރީމަ އެވެ. އަދި ދިރިއުޅުމާ މެދު މިހާރަށް ވުރެ ފަރުވާތެރިވެ ރަނގަޅަށް އުޅެން ދަސްވާނެ ކަމަށް ސަންދޯކަށް އެރުނު ޒުވާނަކު ބުންޏެވެ.