ބޮލީވުޑް

ފޭނުން ބޭނުމީ ކަރިޝްމާ އާ ސަލްމާން ކައިވެނި ކުރަން

އެތައް އަހަރަކަށް ފަހު ސަލްމާން ޚާނާއި ކަރިޝްމާ ކަޕޫރު ބައްދަލުވެ އެކުގައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވުމުން އެމީހުންގެ ފޭނުން އެ ދެ މީހުން ކައިވެނިކުރަން އެދެން ފަށައިފި އެވެ.

ސަލްމާންގެ ކޮއްކޮ އަރްޕިތާ ޚާންގެ ގޭގައި އީދު ފާހަގަކުރަން ބޭއްވި ޕާޓީއެއްގައި ނަގާފައިވާ މި ފޮޓޯގައި ސަލްމާނާއި ކަރިޝްމާ ތިބީ ވަރަށް ގައިގޯޅި ކޮށެވެ.

"މާޝާﷲ. ހާދަ ރީއްޗޭ،" މި ފޮޓޯއަށް ކޮމެންޓުކުރި ފޭނަކު ބުނެފައި ވެއެވެ.

އެހެން ފޭނަކު ކުރި ކޮމެންޓެއްގައި ބުނި ގޮތުގައި ހަގީގީ ދިރިއުޅުމުގައި ވެސް އެ ދެ ތަރިންނަކީ ރަނގަޅު ލޯބީގެ ޖޯޑަކަށް ވާނެކަމަށް ދެކޭ ކަމަށެވެ.

ތިން ވަނަ މީހާ ބުނީ "އޯ މައި ގޯޑް. އަވަހަށް ދެ މީހުން ކައިވެނިކޮށްބަލަ!" މިހެންނެވެ.

ހަތަރު ވަނަ މީހާ ލިޔެފައިވަނީ "ސަލްމާން ސާ. ކަރިޝްމާ މެޑަމް އާ ހަމަ ހަގީގަތުގައި ވެސް ކައިވެނިކޮށްބަލަ. ތި ދެ މީހުންނަކީ ވަރަށް ގުޅޭ،" މިހެންނެވެ.

ސަލްމާނާއި ކަރިޝްމާ ވަނީ "ޖުޅްވާ"، "ޖީތު"، "ޗަލް މެރެ ބާއީ"، "އަންދާޒް އަޕްނާ އަޕްނާ"، "ބީވީ ނަންބަރު 1" ފަދަ ފިލްމުތަކުގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. އަދި މީގެން ކޮންމެ ފިލްމެއް ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދާފައި ވެއެވެ.

މި ފިލްމުތައް ރިލީޒްވި ދުވަސްވަރު ވެސް މި ދެ ތަރިން ހަގީގީ ދެ ލޯބިވެރިންނަށް ވޭތޯ އެމީހުންގެ ފޭނުން ވަރަށް އަޅުވާ ކިޔާ ހަދާފައި ވެއެވެ.
ކައިވެންޏަށްފަހު ދަރިން ލިބުމުން ކަރިޝްމާ ވަނީ ފިލްމު ކުޅުމާ ވަރަށް ބޮޑަށް ފެޔަށް ޖެހިލާފަ އެވެ. އޭނާ މަދުމަދުން ނަމަވެސް ފިލްމު ކުޅެން ފެށީ ފިރިމީހާ ކައިރިން ވަރިވުމަށް ފަހުގަ އެވެ.